ލާމު ބްލޫޫސް އަށް ދެވަނަ މޮޅު، އަފޭންނާއި އެވާލީ އިން ފެށީ މޮޅަކުން
Laamu Blues ah dhevana molhu, Afeyn aai Everly in feshy molhakun

ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގައި ލާމު ބްލޫސް އިން ދެވަނަ މޮޅު ހޯދިއިރު، އަފޭންނާއި އެވާލީ ސްޕޯޓްސް ކްލަބުން މޮޅަކުން މުބާރާތް ފަށައިފި އެވެ.
މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ލާމު ބްލޫސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މިރޭ އެ ޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ބެސްޓް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައި ދެވަނަ މޮޅު ހޯދާފައެވެ.
މިރޭގެ މެޗު ފެށިގެން ހަވަނަ މިނެޓުގައި ސައުދު އަހުމަދު ވަނީ ލަނޑު ޖަހައި ލާމު ބްލޫސް އަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އަބްދުﷲ ފަރީސް (ފަރިއްޓެ) އާއި ހުސައިން މޫސާ (ޒައިބު) ޖެހި ލަނޑުތަކާއެކު ބެސްޓުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނަގާފަ އެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި މުޖުތާޒް އަލީ (މުޖު) ވަނީ ލަނޑު ޖަހައި ލާމު ބްލޫސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އާދަމް ވަޖީހު (ވަޖީ) ވަނީ ލާމު ބްލޫސް އަށް ކުރިހޯދަދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލާމު ބްލޫސްގެ ހުސައިން ނާޝިދު (ނާއްޓޯ) އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފޭންނުން ވަނީ ފުރަތަމަ މެޗުގައި 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާމެންދޫ ޔުނައިޓެޑް ބަލިކޮށްފަ އެވެ. މިފަހަރުވެސް ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އަފޭންނުން ވަނީ ކަންމަތި ބަލިކޮށް ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައެވެ.
އަފޭންނާއި މާމެންދޫ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އަފޭންނުން ވަނީ ނުވަ ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަފޭންގެ މުހައްމަދު ލިޔާހު ވަނީ ހަ ލަނޑު ޖަހާފައެވެ. މީގެއިތުރުން، އެ ޓީމުގެ އަލީ ރިޝްވާން އަހުމަދު (ރިޝޭ) ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ އިބްރާހިމް އަސްވަދު (ގަބޭ) އާއި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

މިރޭގެ ފަހު މެޗުގައި ބައްދަލުކުރީ އެވާލީ އާއި ކިންގެވެ. އެވާލީ އިން މި މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނިޓުގައި ލިވާން އަނީސް އަލީ (ލީކޮ) ވަނީ ލަނޑު ޖަހައި އެވާލީ އަށް ކުރިހޯދަދީފައެވެ. އަދި 17 ވަނަ މިނިޓުގައި އެ ޓީމުގެ އަލީ ޝިމާޒް ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ކިންގަށް އުއްމީދު އާކުރީ ހާފުގެ ފަހު މިނިޓުގައި ލީކޮ އަތުން ބައިކޮޅަށް ލަނޑެއް ވަން ހިސާބުންނެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި އަބްދުﷲ ފަޔާޒް ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް އެވާލީ އަށް ދެ ލަނޑުގެ ލީޑެއް ހޯދަދީފައެވެ. އޭގެފަހުން، މެޗުގެ 34 ވަނަ މިނިޓުގައި އަބްދުﷲ އަޖީތު ވަނީ ލަނޑެއް ޖަހައި، ކިންގަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެވާލީގެ ލީކޮ އެވެ.

މާދަމާރޭގެ ފުރަތަމަ މެޗުގައި އަފޭން ނިކުންނާނީ ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސީއޭސީ ވެޓްރަންސް އާއި ކަންމަތި ސްޕޯޓްސް ކްލަބެވެ. އަދި ފަހު މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ނިކުންނާނީ ކިންގާ ދެކޮޅަށެވެ.