މުންޑޫ ވެޓްރަންސް ބަލިކޮށް، ސެމީގެ ފުރަތަމަ ޖާގަ ކަންމައްޗަށް
Mundoo Veterans balikoh, Semi ge furathama jaaga Kanmahchah

ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ޓޯނަމެންޓް 2025 ގައި ރޭ 8-7 ގެ ނަތީޖާއަކުން މުންޑޫ ވެޓްރަންސް ބަލިކޮށް، ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަންމަތި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ގުރޫޕު ”ބީ“ ގައި ހިމެނޭ ކަންމަތިން ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ ޖުމްލަ ނުވަ ޕޮއިންޓު ހޯދާފައެވެ. މިއާއެކު، ގުރޫޕް ސްޓޭޖުގެ ބާކީ މެޗުތައް ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް ކަންމައްޗަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.
ރޭގެ މެޗުގައި ކަންމަތިގެ އިސްމާއިލް އީސާ (މެސީ) ހެޓްރިކް ހެދިއިރު، މުހައްމަދު ޝާއިރު އާއި އަހުމަދު ހުސައިން ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން، ހުސައިން އަފީފް (އައްޖާ) ވަނީ އެއް ލަނޑު ޖަހާފައެވެ. މި މެޗުގައި މުންޑޫ ޓީމުގެ މުހައްމަދު ފަރިޔާޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި އަލީ ޝާފިއު ދެ ލަނޑު ޖެހިއިރު، ހަސަން މުރުތަލާ ވަނީ އެއް ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަންމަތިގެ ޝާއިރު އެވެ.
ރޭގެ ފުރަތަމަ މެޗުގައި މާމެންދޫ ޔުނައިޓެޑުން ވަނީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ސެމީއަށް ދިއުމުގެ އުއްމީދު އައުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާމެންދޫ ޓީމުގެ އަހުމަދު ހަލީމް (އައްމަޑޭ) ހަތަރު ލަނޑު ޖެހިއިރު، ޔޫސުފް މޫސާ ވަނީ ފަސް ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އަޒްވަރު އާދަމް އާއި އަހުމަދު ޒާދު އެވެ.
ރޭގެ ފަހު މެޗުގައި ސެންޓްރަލް އޭރިއާ ކޮމާންޑް (ސީއޭސީ) ވެޓްރަންސް އިން ވަނީ 7-5 ގެ ނަތީޖާއަކުން ކިންގް ބަލިކޮށްފައެވެ. މިއާއެކު، ސީއޭސީ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މި މެޗުގައި ސީއޭސީގެ އިބްރާހިމް މުހައްމަދު ހެޓްރިކް ހެދިއިރު، އަލީ އިހުސާން އާއި އަހުމަދު ލަތީފް (ޑީޖޯ) ވަނީ ދެ ލަނޑު ޖަހާފައެވެ. ކިންގުގެ އަބްދުﷲ އަޖީތު ހެޓްރިކް ހެދިއިރު، އަހުމަދު ޖިނާހު ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީއޭސީގެ އިބްރާހިމް މުހައްމަދެވެ.
މުބާރާތުގެ ފޯރިގަދަ މެޗުތައް މިރޭވެސް ކުޅޭނެއެވެ. އެގޮތުން، މިރޭ ޖުމްލަ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.