ބޮޑު ޢީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
Bodu eid faahaga kuran beynunvaa rah rashun proposal hushahelhumuge furusathu hulhuvaalaifi

މިއަހަރުގެ ބޮޑު ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ވުޒާރާއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް މިހާރު ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ ”ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު“ އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތެއް ކަމަށެވެ.
ރަށްރަށުގެ ފަރާތުން ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭނީ އެރަށެއްގެ ކައުންސިލުންނެވެ. އަމިއްލަ ފަރުދުންނާއި، ޖަމިއްޔާތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނީ އެރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ. ހަމަމިއާއެކު، ޕްރޮޕޯސަލް ހުށަހަޅާ ރަށްރަށުން މަދުވެގެން ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މިއަހަރުވެސް ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން އަޟްޙާ ޢީދު ފާހަގަކުރާނީ ރާއްޖޭގެ ތިންރަށެއްގައެވެ. ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ރަށްރަށުން ކައުންސިލް މެދުވެރިކޮށް، އަންނަ މެއި މަހުގެ އެއްވަނަ ދުވަހުގެ މެންދުރުު 01:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.