ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ލާމު ބްލޫސް ސެމީއަށް، ދެވަނަ އަފޭންނަށް

Group ge ehvana team ge gothugai Laamu Blues semi ah, dhevana Afeynnah

ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމުގެ ގޮތުގައި ލާމު ބްލޫސް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ގުރޫޕުގެ ދެވަނަ އަފޭންނުން ހޯދައިފިއެވެ.

ލާމު ބްލޫސް އިން ގުރޫޕުގެ އެއްވަނަ ހޯދީ މިރޭ 10-3 ގެ ނަތީޖާއަކުން ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) ބަލިކުރުމަށްފަހުއެވެ. މިއާއެކު ލާމު ބްލޫސް އަށް ވަނީ ޖުމްލަ 13 ޕޮއިންޓު ލިބިފައެވެ. އަފޭންނުން ގުރޫޕުގެ ދެވަނަ ހޯދީ 10-3 ގެ ނަތީޖާއަކުން ރަސްހިންނެ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ. އަފޭންނަށް 12 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި މާމެންދޫ ޔުނައިޓެޑަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ލާމު ބްލޫސް އާއި ޖީސީއާރުސީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ލާމު ބްލޫސްގެ އާދަމް ވަޖީހު (ވަޖީ) ވަނީ ހަތް ލަނޑު ޖަހާފައެވެ. މީގެއިތުރުން، އެ ޓީމުގެ މުޖުތާޒް އަލީ (މުޖު) ދެ ލަނޑު ޖެހިއިރު، ޖީސީއާރުސީގެ އަލީ ޔޫސުފް (އައިޑީ) އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. ޖީސީއާރުސީގެ ތިން ލަނޑު ޖެހީ ފަހުދު އަދުނާން (ފަހުއްޓޭ) އެވެ.

އަފޭންނާއި ރަސްހިންނެ ބައްދަލުކުރި މެޗުގައި އަފޭންގެ މުހައްމަދު ލިޔާހު ވަނީ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން، އިބްރާހިމް އަސްވަދު (ގަބޭ)، ހަސަން ތޮލާގް އަދި ހުސައިން ޝަކީލް ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ހަސަން އިބްރާހިމް ވަނީ އެއް ލަނޑު ޖަހާފައެވެ. ރަސްހިންނެގެ ތިން ލަނޑު ޖެހީ ހަސަން އިބްރާހިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފޭންގެ ލިޔާހު އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ލާމު ބްލޫސް ބައްދަލުކުރާނީ ގުރޫޕު ”ބީ“ ގެ ދެވަނަ ޓީމާއެވެ. އަދި އަފޭން ނިކުންނާނީ ގުރޫޕު ”ބީ“ ގެ އެއްވަނަ، ކަންމަތި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި، އަދި މިއަހަރުގެ ޗެރިޓީ މެޗުގައި ބައްދަލުކޮށްފައިވަނީވެސް އަފޭންނާއި ކަންމައްޗެވެ. އަފޭންނުން ވަނީ ދެ މެޗުންވެސް ކަންމަތި ބަލިކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments