ފައިނަލުގައި ލާމު ބްލޫސް އާއި އަފޭންގެ ކުރިމަތިލުމެއް
Final gai Laamu Blues aai Afeynge kurimathilumeh

މިހާރު ކުރިޔަށްދާ ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ލާމު ބްލޫސް އާއި އަފޭން ފައިނަލަށް ދަތުރުކޮށްފިއެވެ.
ލާމު ބްލޫސް ފައިނަލަށް ދަތުރުކުރީ ރޭގެ ފުރަތަމަ ސެމީގައި 7-0 ގެ ނަތީޖާއަކުން ސެންޓްރަލް އޭރިއާ ކޮމާންޑް (ސީއޭސީ) ވެޓްރަންސް ބަލިކުރުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، އާދަމް ވަޖީހު (ވަޖީ) އާއި މުހައްމަދު ހިސާންގެ ލަނޑާއެކު ލާމު ބްލޫސް އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.
ދެވަނަ ހާފު ފެށިގެންވެސް ލާމު ބްލޫސް އިން ކުޅުނީ އިތުރު ލަނޑުތަކެއް ޖަހައި ލީޑު ފުޅާކުރުމަށެވެ. އެގޮތުން، ދެވަނަ ހާފުގައި ލާމު ބްލޫސް އިން ވަނީ ފަސް ލަނޑު ޖަހައި، ބޮޑު ލީޑެއް ނަގާފައެވެ. ދެވަނަ ހާފުގައި އެ ޓީމުގެ މުޖުތާޒް އަލީ (މުޖު) ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ވަޖީ އާއި ހާމިދު ނަސީރުގެ އިތުރުން މުހައްމަދު ޖަމީލު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލާމު ބްލޫސްގެ ވަޖީ އެވެ.
ރޭ ކުޅުނު ދެވަނަ ސެމީގައި އަފޭންނުން ވަނީ 3-2 ގެ ނަތީޖާއަކުން ކަންމަތި ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލާއި، މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައިވެސް ވާދަކޮށްފައިވަނީ މި ދެ ޓީމެވެ. އަފޭންނުން ވަނީ ތިން މެޗުގައިވެސް ކަންމަތިގެ މައްޗަށް ކުރިހޯދާފައެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އަލީ އިފާޒް ވަނީ ލަނޑު ޖަހައި ކަންމައްޗަށް ކުރިހޯދަދީފައެވެ. ނަމަވެސް، އަފޭންނުން ވަނީ މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލާފައެވެ. އެގޮތުން، މެޗުގެ 11 ވަނަ މިނެޓުގައި އިބްރާހިމް އަސްވަދު (ގަބޭ) ގެ ލަނޑާއެކު އެ ޓީމުން ނަތީޖާ ހަމަހަމަ ކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން މުހައްމަދު ލިޔާހު ވަނީ ލަނޑު ޖަހައި ކުރިހޯދަދީފައެވެ. އަދި ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ އަފޭންނަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ކަންމަތިން ކުޅުނީ މުޅި ޓީމު ކުރިޔަށް ޖެހިގެން، ލަނޑެއް ޖެހުމުގެ މަގުސަތުގައެވެ. އެ ޓީމަށް އިތުރު ހިތްވަރެއް ލިބުނީ، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އިބްރާހިމް ފުރުގާން ޖެހި ލަނޑާއެކުއެވެ. މިއާއެކު، އެ ޓީމުން ޕަވާ ޕްލޭގައި ކުޅުނީ ގޯލްކީޕަރަށް އިސްމާއިލް އީސާ (މެސީ) ލައިގެނެވެ. ނަމަވެސް، އެ ޓީމަށް އިތުރު ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފޭންގެ ގަބޭ އެވެ.
ލާމު ބްލޫސް އާއި އަފޭން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައިވެސް މި ދެ ޓީމު ބައްދަލުކުރިއިރު، ލާމު ބްލޫސް އިންވަނީ 3-2 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފައެވެ.