ޖެނެރޭޝަނަލް ބޭން ގެނައުމަށް މަޖިލީހަށް ބިލު ހުށަހަޅައިފި
Generational ban genaumah majileehah bill hushahalhaifi

ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމަށްޓަކައި ގާނޫނަަށް ގެންނަންޖެހޭ ބަދަލުތައް ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ބިލު ވަނީ މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ. އަދި މަޖިލީހުގެ ޖަލްސާގައި އޭގެ ފުރަތަމަ ކިއުންވެސް ވަނީ އިއްވާފައެވެ. 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން އަދި ދުންފަތް ވިއްކުން ވެސް މަނާކުރާއިރު، 21 އަހަރު ނުފުރޭ މީހުންނަށް ވެސް ދުންފަތް ވިއްކުން މަނާކުރުމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެފަދަ ތަކެތި ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށްވެސް އެ ބިލުގައިވެއެވެ.
އެ ބިލުގައި ދުންފަތުގެ ބާވަތްތައް އުފައްދާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެކަަމަށްވެސް ބަޔާންކޮށްފައިވެއެވެ. ރާއްްޖެއަށް އެތެރެކުރާ އެފަދަ ބާވަތްތަައް އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބޭނެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ އަންނަ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރުމަށެވެ.