ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ!
Kuri ah oiy 3 dhuvahu ves raahjeyge eki hisaabuthakah vihsaara

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރު ދެކުނުގެ އެކި ހިސާބުތަކަށް ވަނީ ވިއްސާރަކޮށްފައެވެ.
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާއިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި ބައެއް ހިސާބުތަކުގައި އާންމުވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތް ކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.