ރިދަމް ބޮޑުބެރުން މޯލްޑިވްސް އެކްސްޕޯ ބޮޑުބެރު މުބާރާތުގައި ވާދަކުރަނީ!
Rhythm boduberun Maldives Expo Boduberu mubaaraathugai vaadhakurany!

ލ.އަތޮޅުގެ އެންމެ ފުންނާބު އުސް ބޮޑުބެރު ގުރޫޕު ކަމަށްވާ، ރިދަމް ބޮޑުބެރުން މޯލްޑިވްސް އެކްސްޕޯ 2025 ގެ ބޮޑުބެރު މުބާރާތުގައި ވާދަކުރަން ނިންމައިފިއެވެ.
މި މަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަކް ޕާކުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މިއަހަރުގެ މޯލްޑިވްސް އެކްސްޕޯ ގައި ހިމެނޭ މުހިންމު ހަރަކާތެކެވެ. މި މުބާރާތަކީ ބިޒްނަސް ސެންޓާ މޯލްޑިވްސް (ބީސީސީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތް ވެގެންދާނީ، ރާއްޖޭގައި މި ފަހުން ބާއްވާ ފުރަތަމަ ބޮޑުބެރު މުބާރާތަށެވެ. އެހެންކަމުން، ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ މި މުބާރާތައް ލިބިފައެވެ.
ރިދަމް ބޮޑުބެރުން ވަނީ ލ.އަތޮޅުގެ ގިނަ ހަރަކާތްތަކުގައި ހުނަރު ދައްކައި، ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ. މިއާއެކު، ރިދަމްގެ އަމާޒަކީ، މި މުބާރާތުގައި ވާދަކޮށް، ގުރޫޕު އިތުރު ހަރުފަތަކަށް ގެންދިއުމެވެ. މި މުބާރާތް ވެގެންދާނީ ރިދަމް އަށާއި ރިދަމްގައި ހަރަކާތެރިވާ ޒުވާން ފަންނުވެރިންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ.
ރިދަމް ބޮޑުބެރު ގުރޫޕުން މައުލޫމާތު ދިން ގޮތުގައި، ރިދަމްގެ އަމާޒަކީ މިއަހަރުގެ މުބާރާތުގެ ފައިނަލާ ހަމަޔަށް ދަތުރުކުރުމެވެ. އެގޮތުން، ތިން ޓީމު ފައިނަލުގައި ވާދަކުރާއިރު، އޭގެ ތެރެއިން ދެ ޓީމު ފައިނަލަށް ދަތުރުކުރާނީ ފަނޑިޔާރުންގެ މާކުހުންނެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ، ބެލުންތެރިންގެ މެދުގައި އެސްއެމްއެސް ކޮށްގެން، އެންމެ ގިނަ ވޯޓު ލިބޭ ގުރޫޕަކަށެވެ. އެހެންކަމުން، މި ކަމުގައި ލ.އަތޮޅުގެ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެ ރިދަމް އިން ވަނީ ބުނެފައެވެ.
ރިދަމް ބޮޑުބެރު ގުރޫޕުން އިތުރަށް ފާހަގަކުރި ގޮތުގައި، މިވަގުތު އެ ގުރޫޕަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ސްޕޮންސަރ ނުލިބުމެވެ. މުޅި ގުރޫޕު މާލެ ދަތުރުކުރާއިރު ގިނަ ހަރަދުތަކެއް ހޭދަވާއިރު، އެ ގުރޫޕުން ވަނީ ސްޕޮންސަރ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ގުރޫޕަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި، މިވަގުތު ރާއްޖޭގައި އޮތް އެންމެ މަޝްހޫރު އެއް ބޮޑުބެރު ގުރޫޕު ކަމަށްވާ ސާދަ ތިރީސް އަށެއްގެ އިތުރުން ކުރިއަރަމުންދާ ދެ ގުރޫޕު ކަމަށްވާ އެކަތި ބޮޑުބެރު ގުރޫޕާއި ހޭވައްލާ ބޮޑުބެރު ގުރޫޕު ހިމެނެއެވެ.