ރިދަމްގެ އުއްމީދަކީ ބޮޑުބެރު ޗެލެންޖުގެ ފައިނަލަށް ދިއުން، ސްޕޯންސަރ އަށް އަދިވެސް ވަނީ ހުޅުވާލެވިފައި!
Rythem ge unmeedhakee boduberu challenge ge final ah dhiyun, sponsor ah adhives vany hulhuvaalevifai!

ރިދަމް ބޮޑުބެރު ގްރޫޕް އަކީ މިވަގުތު ލ.އަތޮޅުގައި އޮތް އެންމެ ފުންނާބު އުސް ބެރު ގުރޫޕެވެ. އެ ގުރޫޕުން ދަނީ ލ.އަތޮޅުގެ އެކި ރަށްރަށުގައި ބާއްވާ ހާއްސަ ހަރަކާތްތަކާއި، މުބާރާތްތަކުގައި ހުނަރު ދައްކަމުންނެވެ. މިވަގުތު ރިދަމް ބޮޑުބެރު ގުރޫޕުުން ތައްޔާރުވަމުންދަނީ މޯލްޑިވްސް އެކްސްޕޯ 2025 ގެ ބޮޑުބެރު މުބާރާތުގައި ވާދަކުރުމަށެވެ.
ރިދަމް ބޮޑުބެރު ގުރޫޕުން މައުލޫމާތު ދިން ގޮތުގައި، ރިދަމްގެ އަމާޒަކީ މިއަހަރުގެ މުބާރާތުގެ ފައިނަލާ ހަމަޔަށް ދަތުރުކުރުމެވެ. އަދި އެންމެ ބޮޑު ޖޮންޖެހުމަކީ ސްޕޮންސާރ ހޯދަން ދަތިވުން ކަން އެ ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. 24 މެންބަރުންނާއެކު، 10 ދުވަސް މާލޭގައި ހޭދަކުރަން ޖެހޭއިރު، ހުރިހާ ހަރަދަކަށް އެ ގުރޫޕްގެ އެސްޓިމޭޓެޑް ބަޖެޓްއަކީ 202،272 ރުފިޔާއެވެ. އެ ގުރޫޕުން މިހާރު ވަނީ ސްޕޮންސަރ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. ސްޕޮންސާރ ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ގުޅާނީ 9965411 އަށެވެ.
ރިދަމް އިން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވަނީ ގަމު ކައުންސިލުންނެވެ. އެގޮތުން، ގަމު ކައުންސިލުން ވަނީ ރިދަމްގެ ޕްރޮޕޯސަލްގައިވާ ޕްލެޓިނަމް ސްޕޮންސަރ ޕެކޭޖް ދޭން ނިންމާފައެވެ. ގަމު ކައުންސިލުން ދެއްވި އެއްބާރުލުމަށް ރިދަމް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރިދަމް އިން ބުނީ ފައިނަލްގައި ވާދަކުރުމަށް ލ. އަތޮޅުގެ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އެއީ، ތިން ޓީމު ފައިނަލުގައި ވާދަކުރާއިރު، އޭގެ ތެރެއިން ދެ ޓީމު ފައިނަލަށް ދަތުރުކުރާނީ ފަނޑިޔާރުންގެ މާކުހުންނެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ، ބެލުންތެރިންގެ މެދުގައި އެސްއެމްއެސް ކޮށްގެން، އެންމެ ގިނަ ވޯޓު ލިބޭ ގުރޫޕަކަށެވެ.
މި މަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަކް ޕާކުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މިއަހަރުގެ މޯލްޑިވްސް އެކްސްޕޯ ގައި ހިމެނޭ މުހިންމު ހަރަކާތެކެވެ. މި މުބާރާތަކީ ބިޒްނަސް ސެންޓާ މޯލްޑިވްސް (ބީސީސީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.