ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި
Vaigadhave kanduthah gadha vaane kamah lafaakoh hudhu samaaluge muhdhathu ithuru kohfi

ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.
މެޓް އިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ. އެ އަތޮޅުތަކަށް ސަމާލުގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދު 15:30 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.މެޓް އިން ބުނެފައިވަނީ ހުދު ސަމާލު ނެރެފައިވާ ވަގުތުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.