މުންޑޫ ސްކޫލަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަަލައެއް ޕީޖީ އޮފީހަށް ހުށަހަޅައިފި
Mundoo school ah haazirunuvaa muvahzafehge namugai musaara nagaafaivaa mahsala eh pg ofeehah hushahalhaifi

ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ލ.މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި އޭރު ހުރި އަލީ އާދަމް (ހިޔާވެހި/ ލ.މުންޑޫ) ގެ މައްޗަށް ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ބުނީ މުންޑޫ ސްކޫލްގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި އަދި ހުއްދަ ދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަަމަށް އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެެވެ.
މީގެއިތުރުން، މި މަައްސަލައިގައި ދައުލަތަށް ޖުމުލަ 28،317.99 ގެ ގެއްލުންވެފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. އޭސީސީ އިން ވަނީ އެ ފައިސާ އަނބުރާ ހޯދުމަށް މުންޑޫ ސްކޫލަށް އަންގާފައެވެ.