ގަމު ކައުންސިލް ބައިބަލާ މުބާރާތުގެ ތައްޔާރީތައް ކުރިއަށް!
Gamu council baibalaa mubaaraathuge thahyaareethah kuriah!

ލ. ގަމު ކައުންސިލްގެ ބައިބަލާ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ،
މި މުބާރާތުގެ އިވެންޓް މެނޭޖްމެންޓް ޕާޓްނަރަކީ ސްޓޭޖްކޯރއެވެ. އެންމެ ފަހުން މާލޭގައި ބޭއްވި ބައިބަލާ މުބާރާތުގެ ވެސް އިވެންޓް މެނޭޖްމެންޓް ޕާޓްނަރަކީ ސްޓޭޖްކޯރ އަށް ވާއިރު، ސްޓޭޖްކޯރގެ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ އާންމުންގެ މަގުބޫލުކަން ލިބިފައިވާ ފުރިހަމަ މަސައްކަތްތަކެކެވެ. އެގޮތުން، ބައިބަލާ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، އެ ސަރަހައްދުގައި މަސައްކަތްތައް ވަނީ ފަށާފައެވެ.
މުބާރާތުގެ ބައިބަލާ ރިންގު އެޅުމުގެ މަސައްކަތް ކުރީ ރަސްހިންނެ ސްޕޯޓްސް ކުލަބް އިންނެވެ. ރަސްހިންނެ ސްޕޯޓްސް ކްލަބް އިން ބުނީ ބައިބަލާ ރިންގުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ދެން ހުރި މަސައްކަތްތައް މަޑު ޖައްސާލާފައި ހުރީ ސްޓޭޖްކޯރ އިން އެރީނާ އަޅަމުންދާތީ ކަމަށެވެ. އަދިި ސެޓްއަޕް އެއްކޮށް ނިމުމުން، އެތެރޭގެ ރިންގު އަޅާނެ ކަމަށެވެ.
މުބާރާތުގައި ގިނަ ވަރުގަދަ ޓީމްތަކެއް ފެންނާނެ ކަމަށް ބަލާއިރު، ގަމު މުކުރިމަގު އަވަށާއި، މަތިމަރަދޫ، އާބާދު ސަރަހައްދު އަދި ތުނޑީ ހިމެނޭހެން ހަތަރު އަވަށުގައި ވަނީ ބައިބަލާ ރިންގުތައް އަޅައި ޕްރެކްޓިސްތައް ފަށާފައެވެ. މި ޕްރެކްޓިސްތަކުގައި ރާއްޖޭގެ މަޝްހޫރު ބައިބަލާ ކުޅުންތެރިން ވަނީ ބައިވެރިވެފައެެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖެތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތަށެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ ތިންވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ގަމު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ. އަދި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ.