ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓުސަލް ޗެލެންޖުގެ ފައިނަލުން ލ.ގަން ޖާގަ ކަށަވަރުކޮށްފި

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުސަލް މުބާރާތް ކަމުގައި ގޯލްޑެން ފުޓުސަލް ޗެލެންޖުގެ ފައިނަލްމެޗުން ލ.ގަމު ފުޓުސަލް ޓީމުން ޖާގަ ކަށަވަރުކޮށްފިއެވެ. ލ.ގަން ފުޓުސަލް ޓީމު ފައިނަލަށް ދިޔައީ ރޭގައި ރ.އިނގުރައިދޫ އާއި ސެމީ ފައިނަލް މެޗު ކުޅެ، 4 ލަނޑު 1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ސެމީފައިނަލްގެ ދެ ވަނަ މެޗު ރޭގައި ކުޅުނީ ގދ.ވާދޫ އާއި ދ.ކުޑަހުވަދޫއެވެ. މި ދެ ޓީމު ބައްދަލު ކުރި މެޗުގެ ނަތީޖާ އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން، މޮޅުވީ ގދ.ވާދޫއެވެ. އެހެން ކަމުން ފައިނަލް މެޗުގައި ލ.ގަން ވާދަ ކުރާނީ ގދ.ވާދޫއާއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭގައެވެ. ލ.ގަމަކީ ފުޓުސަލްގެ ގިނަ މޮޅު ކުޅުންތެރިންތަކެއް ނިސްބަތްވާ ރަށެކެވެ. އަދި ގޯލްޑެން ފުޓުސަލް މުބާރާތުން ގިނަ ކާމިޔާބީތައް ވެސް ހޯދަމުން އަންނަ ރަށެކެވެ. ގޯލްޑެން ފުޓުސަލް މުބާރާތުގެ މި އަހަރުގެ މެއިން ސްޕޮންސަރ އަކީ ސޮނީ ސްޕޯޓްސް އެވެ.