ގަމަށް ސަޕޯޓު ކުރުމަށް، ސަޕޯޓަރުން ހިލޭ މާލެ ދިއުމުގެ ފުރުޞަތު ހުޅުވާލައިފި

ސޮނީސްޕޯޓްސް ގޯލްޑެން ފުޓުސަލް ޗެލެންޖު 2023ގެ ފައިނަލް މެޗުގައި ލ.ގަން ފުޓުސަލް ޓީމަށް ސަޕޯޓު ކުރުމަށް، ސަޕޯޓަރުންނަށް ހިލޭ މާލެދިއުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ގދ.ވާދޫ އާއި ލ.ގަމެވެ. މި މެޗު ބެލުމަށް ސަޕޯޓަރުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދޯނި ފުރުން އޮތީ މިރޭ 23:00ގައި ތުނޑީ އަވަށު ބަނދަރުންނެވެ. މާލެ ދިއުމަށް ބޭނުންވާ ސަޕޯޓަރުން، ގަން ފުޓުސަލް ޓީމުގެ ސަޕޯޓަރުންގެ ވައިބަރ ކޮމިއުނިޓީގައި ލިސްޓު ކުރަމުން އެބަގެންދެއެވެ. ވައިބަރ ކޮމިއުނިޓީގައި ލިސްޓު ނުކުރިކަމުގައި ވިއަސް މިރޭ ފުރާ ދޯނިން މާލެ ދިއުމުގެ ފުރުޞަތު އޮތްކަމަށް ގަން ފުޓުސަލް ޓީމުން ހާމަކުރައްވައެވެ. އަދި ވީހާ ވެސް ގިނަ ރައްޔިތުން ޓީމަށް ސަޕޯޓު ކުރުމަށް މާލެދިއުމަށް ގަން ފުޓުސަލް ޓީމުން އެދެއެވެ. މުބާރާތް ނިމެން ކައިރިވެ، އެންމެ ފޯރި ގަދަ ވެފައިވާ މި ދަނޑިވަޅުގައި، ގަމުގެ ރައްޔިތުން ދަނީ އެކީއެކައްޗަކަށްވެ ގަން ފުޓުސަލް ޓީމަށް ސަޕޯޓުކުރަމުން ނެވެ. ގަމަކީ ގިނަ ފުޓުސަލް ތަރިންތަކެއް ނިސްބަތްވާ ރަށެކެވެ. އެގޮތުން ފުޓުސަލް ކިންގު ކަމުގައި ގިނަ ދިވެހިން ޤަބޫލުކުރާ ޙުސައިން ޝަރީފް (އޮންލީ) ވެސް ނިސްބަތް ވަނީ ލ.ގަމަށެވެ.