ކާމިނީ އާއި ބެސްޓުގެ ވަރުގަދަ ފެށުން ކުރިޔަށް

Kaaminee aai BEST ge varugadha feshun kuriyah

ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތުގައި ކާމިނީ ބަށި ޓީމާއި ބެސްޓުން ވަރުގަދަ ފެށުން ދަމަހައްޓައިފިއެވެ.

މުބާރާތުގައި މިހާތަނަށް އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އާއި މާހިންނަ ބަށި ޓީމުން ތިން މެޗު ކުޅެފައިވާއިރު، ކާމިނީ އާއި ބެސްޓް އަދި ބެސްޓް ގާލްސް އިން ވަނީ ދެ މެޗު ކުޅެފައެވެ. ދެ މެޗުން މޮޅުވެވުނު ހަމައެކަނި ދެ ޓީމަކީ ކާމިނީ އާއި ބެސްޓެވެ.

މިއަދު ހެނދުނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބެސްޓާއި އައިވައިޔޫ އެވެ. ބެސްޓުން މެޗު ކާމިޔާބުކުރީ 27 ލަނޑާއި 11 ފޯލި ހަދައިގެނެވެ. އައިވައިޔޫ އަށް ހެދުނީ 17 ލަނޑާއި 11 ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެސްޓުގެ އާއިޝަތު ފިއުޒާ އެވެ.

މިއަދުގެ ދެވަނަ މެޗުގައި ކާމިނީއިން ވަނީ މޮޅު ކުޅުމެއް ދައްކައި، 33 ލަނޑު ހެދުމަށްފަހު މާހިންނަ ބަލިކޮށްފައެވެ. މާހިންނައަށް ހެދުނީ 16 ލަނޑާއި ނުވަ ފޯއްޔެވެ. ކާމިނީގެ ފުރަތަމަ މެޗަކޭ އެއްގޮތަށް މި މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހައްވާ ލިއުޝާ އެވެ.

ހެނދުނު ދެ މެޗު ކުޅުމަށްފަހު، ހަވީރުވެސް ވަނީ ދެ މެޗު ކުޅެފައެވެ. މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބެސްޓުން ވަނީ މޮޅު ކުޅުމަކާއެކު ބެސްޓް ގާލްސްގެ މައްޗަށް ކުރިހޯދާފައެވެ. ބެސްޓުން 33 ލަނޑާއި ނުވަ ފޯލި ހެދިއިރު، ބެސްޓް ގާލްސް އަށް ހެދުނީ 18 ލަނޑެވެ. މި މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިއުޒާ އެވެ.

މިއަދުގެ ފަހު މެޗުގައި ވާދަކުރީ އައިވައިޔޫ އާއި މާހިންނަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު 24 ލަނޑާއި 11 ފޯލިން ކާމިޔާބުކުރީ އައިވައިޔޫ އެވެ. މާހިންނަ އަށް ހެދުނީ 22 ލަނޑާއި 11 ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އައިވައިޔޫގެ ނާދިޔާ އަބްދުލް ގަފޫރެވެ.

މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކާމިނީ އާއި ބެސްޓް ގާލްސް އެވެ. އަދި ދެވަނަ މެޗުގައި ބެސްޓް ނިކުންނާނީ މާހިންނަ އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments