ގަމު ބަށީގެ ރާނީ: ގަމު ކައުންސިލުން އެ ފޯރި އަނެއްކާވެސް ގެނެސްދީފި!
Gamu basheege raanee: Gamu councilun e foari anehkaaves genesdheefi!

އުވިގެން ގޮސްފައިވާ ބަށި ބޯޅައިގެ ފޯރި ގަމު ކައުންސިލްގެ ބަށި މުބާރާތުން އަނެއްކާވެސް ގެނެސްދީފި ކަމަށް ގަމު ކައުންސިލްގެ ބަށި މުބާރާތުގެ ބަށީގެ ރާނީ ހައްވާ ލިއުޝާ ބުނެފިއެވެ.
ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތާ ދޭތެރޭ ދެކޭގޮތް “ލާމު އެމްވީ” އާ ހިއްސާކުރަމުން ލިއުޝާ ބުނީ މުބާރާތުން ލިބުނު ކާމިޔާބީއާ މެދު ވަރަށް ބޮޑު ހިތްހަމަޖެހޭ ކަމަށެވެ. ލިއުޝާ ބުނީ މުބާރާތުގެ ޗެމްޕިއަންކަން މިފަހަރު ނަގާފައިވަނީ މުބާރާތްތަކުގައި އެ ޓީމުގެ އެންމެ ވަރުގަދައަށް ކުޅޭ 6 ކުޅުންތެރިން ނުލާ ކަމަށެވެ.
” އަޅުގަނޑުމެންނަށް އާންމުކޮށް ހޮވާލެވެނޭ 3 ޓީމު. އަޅުގަނޑުމެންގެ އެއް ވަނަ ޓީމަށް ދެވަނަ ޓީމުގެ ކުޅުންތެރިން ލައިގެން، މިފަހަރު ޓީމު ހަމަކޮށްގެން އަޅުގަނޑުމެން މި ނިކުތީ ވަރަށް އުއްމީދާއެކު. އަޅުގަނޑުމެނަށް ލިބުނު ކާމީޔާބީއަކީ ވަރަށް ހިތްހަމަޖެހުނު ކާމިޔާބީއެއް.”
ލިއުޝާ ބުނީ މިއަށްވުރެ ބޮޑެތި މުބާރާތްތަކުގައިވެސް އެންމެ ފުރަތަމަ ކުޅުން ނަގައިގެން، އެންމެ ފަހުން ހޮވައިގެން ކާމިޔާބު ކޮށްފައި ހުންނާނެކަމަށާއި، އެ އިތުބާރު މިފަހަރުވެސް އޮތް ކަމަށެވެ.
ލިއުޝާ އިތުރަށް ފާހަގަކުރީ ބަށްޓަކީ މިހާރު ވަރަށް ބޮޑަށް އުވިގެން ގޮސްފައިވާ ކުޅިވަރެއް ކަމަށާއި އެހެންނަމަވެސް، މި ކުޅިވަރަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކުޅިވަރެއް ކަމެވެ. ލިއުޝާ ބުނީ މި ކުޅިވަރު އަނެއްކާ ގަމު ކައުންސިލުން ދިރުވާ އާލާކުރުމަށް އުޅުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އާ ކުޅުންތެރިން އުފެދުމަށް ފަހި ވާނެ ފުރުސަތެއް ކަމަށެވެ.
މި ކުޅިވަރަކީ އާންމުކޮށް ދޮށީ އުމުރުގެ މީހުން ކުޅޭ ކުޅިވަރެއްކަން ފާހަގަކޮށް ލިއުޝާ ބުނީ މިފަދަ މުބާރާތްތައް އޮންނަ ކަމުގައި ވަނީނަމަ އެ އުމުރުގެ މީހުން ބޮޑަށް ކަސްރަތު ތެރެއަށް ނިކުމެ، ކުޅިވަރުތެރޭގައި ޝާމިލްވެ އުޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ލިއުޝާ ބުނީ ޒުވާނުން ކުޅިވަރުތެރެއަށް ނެރުމުގެ މަސައްކަތް އަބަދުވެސް ކުރާ ކަމަށެވެ.
“ޒުވާނުންނަށް ބުނެލާނީ މީ ހަމަ ވަރަށް މަޖާ، ފޯރިގަދަ، އަހަރެމެންގެ ދިވެހިވަންތަ ކުޅިވަރެކޭ. އަޅުގަނޑުމެންނާ ބައިވެރިވާށޭ. ހަމަ ކޮންމެ ކުއްޖަކީވެސް ހުނަރުތަކެއް ލިބިގެންވާ ކުއްޖެކޭ. ކުޅެވޭނޭ. ހަމަ މަސައްކަތޭ ބޭނުންވާނީ.”
ލިއުޝާ އަކީ މީގެކުރިން ވެސް ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގެ ބަށި މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތައް ހާސިލްކުރާ ހުނަރުވެރި ކުޅުންތެރިއެކެވެ. ގަމު ކައުންސިލްގެ ބަށި ބޯޅަ މުބާރާތުގެ ފައިނަލުގައި ބެސްޓް ބަލިކޮށް، ފުރިހަމަ ރެކޯޑާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކާމިނީ ބަށި ޓީމުންނެވެ.