ގަމު އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގުރާމުގެ ނިމުން ފާހަގަ ކޮށްފި

ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ ގުޅިގެން ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގުރާމާއި ފަސްޓް އެއިޑް ޕްރޮގުމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވީ ރޭ ހަމަދު ބިން ޚަލީފާ އާލްޘާނީ ސުކޫލުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ހިންގި މި ދެ ޕްރޮގުރާމުގައި ޖުމްލަ 200 އަށްވުރެ ގިނަ އަންހެނުން ބައިވެރިވެ ޕްރޮގުރާމްތައް ނިންމާފައިވެއެވެ. ދޮޅުމަހަށް ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގުރާމުގެ ބައިވެރިންގެ ޖުމްލަ ބަރުދަނުން 150އަށް ވުރެ ގިނަ ކިލޯ ލުއިކޮށްފައިވެއެވެ. މޫދު ކަސްރަތު ޕްރޮގުރާމުގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރި ބައިވެރިން ހޮވާ އެކަމުގެ ހަނދާނީ ފިލާ، މި ރަސްމިއްްޔާތުގައި އަރުވާފައިވެއެވެ. މި ކަސްރަތު ޕްރޮގުރާމުގެ ސަބަބުން ގަމުގެ އަންހެނުންގެ ހަށިގަނޑަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އައުމުގެ އިތުރަށް އިޖުތިމާޢީ ގުޅުން ވަރުގަދަ ވެއްޖެ ކަމަށް، ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. އަދި މި ފަދަ ޕްރޮގުރާމްތައް ހިންގުމުގައި ގަމުގައި ހުރި މުވައްސަސާތަކުން ވަރަށް ފުރިހަމަ އެއްބާރުލުން ދެއްވާ ކަން ފާހަގަ ކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.