ސެމީގެ ހަތަރު ޖާގައިގެ ތެރެއިން ތިން ޖާގަ ލަސާ އަށް
ٍSemi ge 4 jaagaige therein 3 jaaga LASA ah

މިހާރު ކުރިޔަށްދާ ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ހަތަރު ޖާގައިގެ ތެރެއިން ތިން ޖާގަ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) ގެ ޓީމުތަކުން ހޯދައިފިއެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗާ ހަމަޔަށް ދިޔައިރު، ލަސާ ރަތަފަ އިން ވަނީ ފުރިހަމަ ރެކޯޑަކާއެކު ގުރޫޕު “އޭ” ގެ އެއްވަނަ ހޯދައި، ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި ހަ ޕޮއިންޓާއެކު ގުރޫޕު “އޭ” ގެ ދެވަނަ ހޯދައި، ސެމީގެ ދެވަނަ ޖާގަ ހޯދީ ލަސާ ކުރަނގި އިންނެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަވީރު ލަސާ ވައްލަ ނިކުތީ މާއްޓޭ ސްޕޯޓްސް އާ ދެކޮޅަށެވެ. ގުރޫޕް “ބީ” ގެ އެއްވަނަ ކިޔުއެމް ޓީމް 1 އިން ހޯދާފައިވާއިރު، ދެވަނަ ލިބެން އޮތީ ފަހު މެޗު ކާމިޔާބުކުރާ ޓީމަކަށެވެ. ލަސާ ވައްލަ އިން ވަނީ 2-1 ގެ ނަތީޖާއަކުން މާއްޓޭ ސްޕޯޓްސް ބަލިކޮށް، ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިއާއެކު، ލަސާގެ ތިން ޓީމަށް ވަނީ ސެމީގެ ޖާގަ ލިބިފައެވެ.
ފޮނަދޫ ބަރާސިލް ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް ލަސާ ޓީމުންނެވެ. ދާނިޔާލްގެ ލަނޑާއެކު އެ ޓީމުން ލީޑު ނަގާފައިވަނިކޮށް، މާއްޓޭ ސްޕޯޓްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަލާޒް އެވެ. ދެވަނަ ހާފުގައި ލަސާ މޮޅުކޮށްދިނީ ރާއިން އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅެން ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަސާ ރަތަފަ އާއި ލަސާ ވައްލަ އެވެ. އަދި ދެވަނަ މެޗުގައި ލަސާ ކުރަނގި ނިކުންނާނީ ކިޔުއެމް ޓީމް 1 އާ ދެކޮޅަށެވެ.