ލާމު ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ
Laamu gasgandu finolhugai tourist resort eh tharahgee kohdheyne faraatheh hoadhanee

ލ.ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ސަރުކާރުން ކަނޑައަޅަފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ލާމު ގަސްގަނޑު ފިނޮޅުގައި ރިސޯޓު ތަރައްގީކުރުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޔޫސުފް ނަޝީދު ވިދާޅުވީ މިކަމުގެ ސަބަބުން ލ.އަތޮޅުގެ ޓުއަރިޒަމާއި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
މިނިސްޓްރީއިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ ގަސްގަނޑު ފިނޮޅުގެ 3.99 ހެކްޓަރުގެ ބިމުގައި ރިސޯޓު ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 އަދި އަންނަ މަހުގެ 5 ވަނަ ދުވަހުގެ 10:00 ގައި އޮންނަ އޮންލައިން، މައުލޫމާތު ސެޝަނުގައި ބައިވެރިވެ، މިނިސްޓްރީއަށް ބީލަން ހުށަހެޅުމަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ހެނދުނު 10:00 އެވެ.
ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ ފޯމު މިނިސްޓްރީގެ ރަސްމީ ވެބަސައިޓުން ލިބެން ހުންނާނެއެެވެ. އަދި ބީލަން ފޮތް ލިބޭނީ 01 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން 01 ސެޕްޓެމްބަރު ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.