ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް ފަށައިފި، އެންމެ ފަހުގެ ދެ ޗެމްޕިއަނުންނަށް ރަނގަޅު ފެށުމެއް

Jozy MV Futsal Challenge fashaifi, enme fahuge 2 champion ah rangalhu feshumeh

ހައްދުންމަތީ ހިތަދޫ ކައުންސިލް ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2025 ރޭ ފެށިއިރު، އެންމެ ފަހުގެ ދެ ޗެމްޕިއަން ކަމަށްވާ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އާއި ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އިން ފެށުން ރަނގަޅުކޮށްފިއެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ބީޖީއެސްސީ އާއި ހިތަދޫ އައިލެންޑް ޔޯތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) އެވެ. ބީޖީއެސްސީން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހައިޑްރާ ބަލިކޮށްފައެވެ.

ބީޖީއެސްސީ އާއި ހައިޑްރާ ބައްދަލުކުރި މެޗުގައި ބީޖީއެސްސީގެ އަޔާޒް އަހުމަދު (އަޔާ) ހެޓްރިކް ހެދިއިރު، އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އިސްމާއިލް ވަޖީހު (ވައްޖެ) އާއި އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީޖީއެސްސީގެ އައްމަޑޭ އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ޖީޖީއެސްސީ އާއި ކުނަހަންދޫ އެފްޓީ އެވެ. ޖީޖީއެސްސީން މި މެޗު ކާމިޔާބުކުރީ 10-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޖީޖީއެސްސީގެ އަހުމަދު ސޮބާހު (ސޯޓޭ) އާއި މުހައްމަދު ރަޒާން (ރާއްކޮ) އަދި ލޫތު އަހުމަދު ފަތުހީ ވަނީ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން، އަލީ ހުމޭޒު ވަނީ ލަނޑެއް ޖަހާފައެވެ. ކުނަހަންދޫ ޓީމުގެ އަބޫބަކުރު ލޫތު ދެ ލަނޑު ޖެހިއިރު، ނާޒިމް އަބްދުލް ހަކީމް ވަނީ ލަނޑެއް ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީޖީއެސްސީގެ ލޫތު އެވެ.

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ބެންޗް ބްރަދާސް އާއި ސްކުއިޑޯ އެވެ. ދެވަނަ ހާފުގެ ނުވަ މިނެޓު ކުޅެވުނުތަނާ ދެ ޓީމު ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައެވެ. އެކަމުގެ ސަބަބުން، ރެފްރީންނާއި އިންތިޒާމު ކޮމިޓީން ނިންމީ މެޗު އިތުރަށް ކުރިޔަށް ނުގެންދިއުމަށެވެ. މެޗު ހުއްޓާލިއިރު، ބެންޗުން ވަނީ 3-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ތޯއިފް ގާސިމް (ތޯއްޕެ) އާއި އަހުމަދު ރައްޔާންގެ އިތުރުން އަލީ އަރުޝަދު (ޓޮއިން) އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments