ޢަބްދުލްޖަލީލް ޢުމަރު: އެންމެ ގިނަ މީހުންގެ ޖަނާޒާ ކުރިއަށް ގެންދިޔަ ޚިދުމަތްތެރިޔާ!
Abdhul Jaleel Umar: Emme Gina myhun ge janaaza kuriah gendhiya khidhumaiytheriyaa!

ލ.ގަމަށް އުފަން، 65 އަހަރުފުރިގެން ވަޒީފާއިން މުސްކުޅިކޮށްފައިވާ ޢަބްދުލްޖަލީލް ޢުމަރު (ޖަލީލްބެ) އަކީ ރަށުގެ ތަރައްޤީއަށް މަސައްކަތްކުރި، ރަށަށް އެކިގޮތްގޮތުން ހިދުމަތްކުރި، ނަމޫނާ ޝަޙުޞިއްޔަތެކެވެ.
ޖަލީލްބެ ވަނީ ލ.ގަމުގެ މިސްކިތްތަކުގެ އިމާމެއްގެ ގޮތުގައި މެދުކެނޑުމެއްނެތި 22 އަހަރު ވަންދެން މަސައްކަތްކޮށްފައެވެ. އިމާމެއްގެ ވަޒީފާއާ ޖަލީލްބެ ހަވާލުވީ 2002 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ވަޒީފާއިން މުސްކުޅިކުރީ މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. ޖަލީލްބެ އަކީ އަތޮޅުތެރޭ ރަށަކުން، އެންމެ ގިނަ މީހުންގެ ޖަނާޒާގެ ކަންކަން ކުރި ފަރާތެވެ.
ޖަލީލްބެ އެންމެ ފުރަތަމަ ކުރީ މަސްވެރިކަމެވެ. އުމުރުން އެންމެ 16 އަހަރުން ފެށިގެން ކުރަމުން އައި މަސްވެރިކަން ހުއްޓާލަން ޖެހުނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ބަލި ހާލަތު ހުރިގޮތުން ބޭސްފަރުވާއަށް އިންޑިއާ އަށް ދިއުމަށެވެ. އިންޑިއާ އަދި މާލޭގައި ކޮއްކޮގެ ބޭސްފަރުވާގެ ކަންކަމުގައި އުޅެން ޖެހުމުން، މަސައްކަތެއް ނުކުރެވި ގިނަ ދުވަސްތަކަކު ހުންނަން ޖެހުނެވެ. އެދުވަސްވަރު ޖަލީލްބެ އުޅުނީ ވަރަށް ހާލުގައެވެ.
ޖަލީލްބެ ބުނީ އޭނާގެ ވަޒީފާއާ ދޭތޭރޭ އަބަދުވެސް ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި އެންމެ ހިތްހަމަޖެހެނީ ވަރަށް ގިނަ މީހުން ކަފުންކޮށް ހިނަވައި، ވަޅުލުމުގެ ފުރުސަތު ލިބޭތީ ކަމަށް އޭނާ ބުންޏެވެ.
“ވަޒީފާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ، ކައުންސިލްތަކުންވެސް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެނީ. އާންމުގޮތަކަށް ވަރަށް ހިތްހަމަޖެހޭ ވަރަށް ގިނަ މީހުން ވަޅުލައި ހިނަވައި، ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށުން، އަތޮޅުތެރޭގެވެސް ހުރިހާ ރަށަކު މީހުންވެސް ލާމު އަތޮޅުން ފެށިގެން ޖެހިގެން އޮތް ހަތަރު އަތޮޅުގެ މީހުންވެސް، ހޮސްޕިޓަލު ތެރޭ މީހުން ހިނަވައި، ވަޅުލައި ކަންތައްތައް ކޮށްދެވުނީމަ ވަރަށް ހިތްހަމަޖެހޭ.”
ޖަލީލްބެ ބުނީ މީހުން ހިނެވުމުގެ މަސައްކަތަކީ ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެއް ކަމަށާއި، އެ މަސައްކަތް ކުރާތީވެ، ގިނަ މީހުން އިޙުތިރާމްކުރާކަމަށެވެ.
ސުނާމީގެ ހަނދާންތަކުގެ ވާހަކަ ދައްކަމުން ޖަލީލްބެ ބުނީ ގަމަކީ ބޮޑު ރަށަކަށްވުމުން، ފުއްޓަރު ފަރާތުން ގިނަ އަދަދެއްގެ މަރުވެފައިވާ މީހުންނާ، ކަށިގަނޑު ވެސް ފެނުނު ކަމަށާއި އެމީހުންވެސް ހިނަވާފައި ވަޅުލާފައި ހުންނާނީވެސް ޖަލީލްބެ ކަމަށެވެ.
“އަތޮޅުތެރޭގެ ކުއްޖަކު ހިނަވަނިކޮށް، މުންޑޫ އަންހެންކުއްޖަކު ހިނަވަން ހުއްޓާ ބަނޑު ފަޅައިގެން ގޮސްގެންވެސް ވަޅުލީވެސް އަޅުގަނޑު. އަންހެނަކު ލައްވާ ހިނެވީ. ވަރަށް ދަތި ކަންކަން. ހޮސްޕިޓަލްތެރޭ އަންހެނުންގެ ބަނޑަށް މަރުވާ ކުދިންވެސް ވަޅުލާފައި ހުންނާނީ.” ޖަލީލްބެގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ، އެފަދަ މަސައްކަތްކުރަންޖެހޭތީވެ، މިއީ ގިނަ މީހުން އެހާ ކުރާހިތްވާ، އެހާ ހިތްހަމަޖެހޭ މަސައްކަތެއް ނޫން ކަމަށެވެ.
މަރުވެފައިވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައިރު، ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ، އާދަޔާހިލާފު ކަމެއް ޖަލީލްބެ އަށް ފާހަގަވެފައެއް ނުވެއެވެ. އިމާމެއްގެ ވަޒީފާގެ ދަށުން، މާލޭ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އެންމެ ގިނަ މީހުންގެ ޖަނާޒާގެ ކަންތައްތައް ކުރިއަށްގެންގޮސް ދިނީ ވެސް ޖަލީލްބެއެވެ.
އިމާމެއްގެ ގޮތުގައި ވަޒީފާގައި 20 އަހަރަށް ވުރެ ގިނަދުވަހު މަސައްކަތްކުރިއިރު، ކައުންސިލްގެ ކުރީ ދައުރުތަކުގައި މަސައްކަތްކުރެއްވި ބޭފުޅުން ކަމަށްވާ ކައުންސިލްގެ ކުރީގެ ވެރިން، ޢަބްދުލް ވައްޙާބު ޢަބްދުﷲ އަދި މުޙައްމަދު ޝިޔާމްގެ ނަން ވަކިން ޚާއްޞަކޮށް ފާހަގަކުރިއެވެ. އެ ބޭފުޅުންގެ ދައުރުތަކުގައި ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ ލަފާ ހޯދާކަން ވެސް ޖަލީލްބެ ފާހަގަކުރިއެވެ. ޖަލީލްބެ ބުނީ މިހާރުވެސް ކައުންސިލްގެ ފަރާތުން ލިބެންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
ޖަލީލްބެ ބުނި ގޮތުގައި މި ދާއިރާއަށް މީހުން ނެރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ލިބޭ އެލަވެންސް ކުޑަވުމެވެ.
“މިހާރަކަށް އައިސް ސަރުކާރުން އޮންނަނީ މީހުން ވަޅުލާން މަސައްކަތްކުރާ މީހުންނަށް ލާރި ކަނޑައަޅާފަ. އޮންނައިރު، ސިވިލް ސަރވިސްގެ މުވައްޒަފަކަށް ވާނަމަ މިދެނީ 50 ރުފިޔާ. އެ ދޭތީވެ އެއްބަޔަކު ބޭނުމެއް ނުވޭ އަމިއްލަ އަށް ވޮލަންޓަރީކޮށް އެކަން ކުރަން ދާކަށް.”
ޖަލީލްބެ ގަބޫލުކުރާ ގޮތުގައި ސަރުކާރުން ޖަނަޒާގެ ކަންކަން ކޮށްދޭ މީހުންނަށް އެއަށް ވުރެ ރަނގަޅު އުޖޫރައެއް ދޭން ޖެހެއެވެ. ދައުލަތުން ފީ އެއް ކަނޑައަޅާފައި އޮތް ނަމަވެސް، އެއީ ވަރަށް ކުޑަ އެއްޗެއް ކަމަށް ޖަލީލްބެ ބުންޏެވެ. ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެއްގެ ހައިސިއްޔަތުން ޖަލީލްބެ ބުނީ ކައުންސިލުން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރި ނަމަވެސް، ސަރުކާރަށް އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ޖަލީލްބެ ބުނީ ކުރީ ސަރުކާރުތަކުން ފަށާފައިވާ މަސައްކަތްތައް ވެސް އެހާ ލަސް ލަހުން ކުރިއަށް ދާތީވޭ ހިތާމަ ކުރާ ކަމަށެވެ.
ޖަލީލްބެގެ ހަ ކުދިން ތިބިއިރު، ހުރިހައި ކުދިންވެސް ތިބީ ކިޔަވައިގެން، ރަނގަޅު ވަޒީފާތަކުގައެވެ. ނިކަމެތި ހާލުގައި އުޅެ، ޖަލީލްބެ ވަނީ ގަދަ ހިތްވަރާއެކު މަސައްކަތް ކޮށް، ގައުމަށް ފައިދާ ހުރި، އަހުލާގު ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކޮށްފައެވެ.
ޖަލީލްބެގެ ހިދުމަތަކީ މުޅި ލ.އަތޮޅު، އަދި ވަކިން ހާއްސަކޮށް ލ.ގަން ފަހުރުވެރިވާ ފަދަ ހިދުމަތެކެވެ. ޖަލީލްބެ އާއި ޖަލީލްބެގެ އާއިލާއަށް ހެޔޮ ރަހްމަތް ލައްވާށި، އާމީން!