ގަމުގައި ފެންވަރު ރަނގަޅު ދުވާ ޓްރެކެއް އެޅުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުން: ކައުންސިލް ރައީސް
Gamugai fenvaru rangalhu dhuvaa track eh elhumah sarukaaruge ehbaarulun beynun: Council Raees

ލ. ގަމުގައި ފެންވަރު ރަނގަޅު ދުވާ ޓްރެކެއް އެޅުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށް ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވެއްޖެއެެވެ.
“ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް” ނިމުމުގެ ރަސްމިއްޔާތު ފާހަގަކުރި ހަފްލާގައި ވާހަކަދައްކަވަމުން ގަމު ކައުންސިލްގެ ރައީސް ވިދާޅުވީ މީގެކުރީ އަހަރުތަކުގައި ބާއްވާ އެތުލެޓިކްސް މުބާރާތްތަކުގައިވެސް ސްކޫލްތަކުން ދުވާ ޓްރެކެއް އެޅުމަށް ކައުންސިލަށް ހުށަހަޅާ ކަމަށެވެ. ރައީސް ވިދާޅުވީ ދުވާ ޓްރެކެއް އެޅުމަށް ސަރުކާރާއެކު މަޝްވަރާ ކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ފަަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށެވެ.
ޒަކީ ވިދާޅުވީ ދުވާ ޓްރެކް އެޅުމަށް މިދިޔަ ސަރުކާރުން އެއްބަސްވެ، މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އެމްޓީސީސީއިން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެންނަމަވެސް، ދައުރު ނިމި ވެރިކަން ބަދަލުވުމާއެކު، އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި، އެކަން މި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
“ދުވާ ޓްރެކް އެޅުމަށްޓަކައި، މި ސަރުކާރުގެ ސްޕޯޓް މިނިސްޓަރާއެކު މަޝްވަރާކޮށް، އެ މަސައްކަތުގެ ޑިޒައިން ވެސް ވާނީ ހުށަހަޅާފަ. މިފަދަ ކަމެއް ކުރާއިރު ސްޕޯޓްސް މިނިސްޓްރީގެ، ވަކިން ހާއްސަކޮށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ބެނުންވޭ.”
ޒަކީ ވިދާޅުވީ ސަރުކާރުން ސީދާ ނޫނެކޭ ނުބުނި ނަމަވެސް، ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށާއި ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަަސައްކަތެއް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، ޒަކީ ވިދާޅުވީ ލާމު، ވަކިން ހާއްސަކޮށް ގަން ފަދަ ބިންބޮޑު، ކުޅިވަރުގެ ދާއިރާއިން ގިނަ ޒުވާނުންތަކެއް ބިނާވެފައިވާ ރަށެއްގައި ދުވާ ޓްރެކެއް އެޅުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. މަގުމަތީގައި ވެސް ކަސްރަތަށް ދުވާ މީހުން ލާމު ލިންކްރޯޑްގައި އުޅޭކަން ފާހަގަކުރައްވާ ޒަކީ ވިދާޅުވީ ޓްރެކެއް އެޅުމުން މަގުމަތީގެ ރައްކާތެރިކަން ވެސް މިހާރަށްވުރެ ބޮޑަށް ލިބޭނެކަމަަށެވެ.
ގަމު ކައުންސިލުން ބޭނުންވަނީ ގަމު މަތިމަރަދޫ ޒޯން ސްޓޭޑިއަމްް އޭރިގައި ދުވާ ޓްރެކް އެޅުމަށެވެ. ޒަކީ ވިދާޅުވީ ދުވާ ޓްރެކެއް ނެތުމުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ވެސް ވަރަށް ގާތުން ފެނުނު ކަމަށާއި އުއްމީދުކުރަނީ ވީހާވެސް އަވަހަކަށް ސަރުކާރުން މިކަމުގެ އަމަލީ ސިފަ ޖައްސައިދޭނެކަމަށެވެ.
މިއަހަރުގެ މުބާރާތުގައި ލ.އަތޮޅުގެ ނުވަ ސްކޫލަކުން ޖުމްލ ަ346 ދަރިވަރުން ބައިވެރިވެފައިވާއިރު، ގިނަ ކުދިންތަކަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އޭގެތެރެއިން އެންމެ ގިނަ މައްސަލަތައް ދިމާވީ ދުވުމުގެ އިވެންޓުތަކުގައެވެ. އެކަން ހައްލުކުރެވޭނީ ރަނގަޅު ފެންވަރެއްގެ ދުވާ ޓްރެކެއް ތަރައްގީ ކުރެވިގެނެވެ.