ހަފީޡު ސަރ: އައީ ބީރަށްޓެއްސެއް ގޮތު، ދިޔައީ މުޅި ލާމުގެ ލޯބި ހޯދައިގެން
Hafeez Sir: Aee beerahtehseh gothu, dhiyaee mulhi laamuge loabi hoadhaigen

29 ޖުލައި 2023 ގައި ލާމު އެޓޯލް ޕޮލިސް ކޮމާންޑަރގެ މަޤާމާ ހަވާލުވެވަޑައިގަތްއިރު އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް ހަފީޡު އިބްރާހިމް (ހަފީޡު ސަރ) އަކީ ލ.އަތޮޅަށް އައު މޫނެކެވެ. ދަންނަ މީހުން މަދެވެ.
ހަފީޡު ސަރ އަކީ ހިތްހެޔޮ، މީހުނާ ގުޅޭ، ސަކަ މިޒާޖެއްގެ މީހެއް ކަމުން، ލ.އަތޮޅަށް ފަރިތަވުމުގައި މާ ގިނަ ދުވަހެއް ނުނަންގަވައެވެ. ދިމާވާ ކޮންމެ މީހަކާވެސް މުހާތަބުކުރައްވަނީ ހިނިތުންވުމާ، އޯގާތެރިކަމާއެކުއެވެ.
ހަފީޡު ސަރ ދެކިވަޑައިގަންނަވާ ގޮތުގައި ލާމުގައި ހޭދަކުރެއްވި ދެ އަހަރަކީވެސް ވަރަށް ކާމިޔާބު ދެ އަހަރެއެވެ. ހަފީޡު ސަރ ވަނީ ފާއިތުވި ދެ އަހަރުތެރޭގައި ލާމު އަތޮޅުގެ ފުލުހުންނާއި އެހެނިހެން މުއައްސަސާތަކުގެ ގުޅުން ހަރުދަނާ ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ލާމު އަތޮޅުގެ ކޮމާންޑަރކަމާ ހަވާލުވެވަޑައިގަތް ފަހުން އެންމެ މުހިއްމު މަސައްކަތަކަށް ކުރެވުނީ ފުލުހުންނާ، ރައްޔިތުން އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުން ކަމުގައި ހަފީޡު ސަރ ވިދާޅުވިއެވެ.
“އެންމެ ފުރަތަމަ ކޮމާންޑަރުކަމާ އަޅުގަނޑު ހަވާލުވީ 29 ޖުލައި 2023 ގައި. އޭރު ހަވާލުވެގެން ހާލަތު ބަލާލިއިރުގައި، މުއައްސަސާތަކާ ފުލުހުންނާ އޮންނަ ގުޅުން އޮތީ ވަރަށް ހީނަރުވެފައި. އެހެނިހެން އިދާރާތަކާ ފުލުހުންނާ އޮންނަ ގުޅުން އެހާ ރަނގަޅެކޭ ނުދެންނެވޭނެ.”
ހަފީޡު ސަރ ގަބޫލުކުރައްވާ ގޮތުގައި ރަނގަޅު ފުލުހުންގެ ޚިދުމަތެއް ދެވޭނީ މުޖުތަމައު އަދި އެހެނިހެން މުއައްސަސާތަކާމެދު އޮންނަ ގުޅުން ރަނގަޅުކޮށްގެނެވެ.
ސްކޫލުތަކަށް ބަލާއިރު، ހުރިހާ ސްކޫލަކުން ވެސް ފަތަން ދަސްކޮށްދޭނޭ ޕްރޮގްރާމެއް ފުލުހުންގެ ފަރާތުން ބޭއްވުމަށް ރިކުއެސްޓް ކުރިކަން ހަފީޡު ސަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ފާއިތުވި ދެ އަހަރުތެރޭގައި ފުލުހުން އިސްނަގައިގެން “ފަތާ ލާމު” ނަމުގައި މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އޭގެތެރެއިން 90 އިންސައްތަ ދަރިވަރުންނަކީ އަމިއްލައަށް ބަނދަރަށް ފުންމާލައިގެން 50 މީޓަރަށް ފަތަން ދަސްވެފައި ތިބި ކުދިން ކަން ފާހަގަކުރެއްވިއެވެ. 1600 އަށް ވުރެ ގިނަ ދަރިވަރުން “ފަތާ ލާމު” ޕްރޮގްރާމްގެ ދަށުން ފަތަން ދަސްކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށް ހަފީޡު ސަރ ވިދާޅުވިއެވެ.
ލާމު އަތޮޅުގެ ޕޮލިސް ކޮމާންޑަރގ މަޤާމުގައި ހުންނެވިއިރު ހަފީޡު ސަރ އެންމެ ހިތްހަމަޖެހިވަޑައިގަތީ ލާމު ޕޮލިސްގެ ހިންގުމާ ދޭތެރޭގައެވެ. 100 އަށް ވުރެ ގިނަ މުވައްޒަފުން ހަފީޡު ސަރގެ ދަށުން، ގައިޑްކޮށްދީގެން، ފުލުހުންގެ މަސައްކަތަކީ ރައްޔިތުން ބަލައިގަންނަ މަސައްކަތަކަށް ހެދުމެވެ. އެގޮތުން، އެހެނިހެން މުއައްސަސާތަކުން ހަފީޡު ސަރ އަށް ލިބުނު ލޯތްބަކީ އެންމެ ހިތްހަމަޖެހުނު އެއް ކަންތައް ކަމަށް ހަފީޡު ސަރ ފާހަގަކުރެއްވިއެވެ.
2011 އިން ފެށިގެން 2014 ވަނަ އަހަރާ ދެމެދު ލާމުގައި ކުށުގެ މާހައުލު އޮތް ގޮތް ސިފަކުރައްވާ ހަފީޡު ސަރ ވިދާޅުވީ، ޖިނާއީ ބޮޑެތި ކުށްތަކަކުގެ އިތުރުން، ގޭންގު މާރާމާރީ ވަރަށް ގިނަ ކަމަށެވެ. އެ މައްސަލަތައް މަދު ކުރެވިފައިވަނީ ލާމު އަތޮޅުގެ ފުލުހުންގެ މިންނަތް މަސައްކަތުން ކަން ހަފީޡު ސަރ ވަނީ ފާހަގަކުރައްވާފައެވެ.
” ވޭތުވެދިޔަ 2 އަހަރުވެސް ޖިނާއީ ބޮޑެރި ކުށްތައް މަދުކަމަށް ފާހަގަކުރެވޭ. އެހެންނަމަވެސް ކުދި ކުދި ކުށްތައް ހިނގާ. އެގޮތުން، ގްރޫޕް މާރާމާރީ ނުވަތަ ވަށްކަމާއި ރޭވިގެން މި ހިންގާ ބޮޑެތި މާރާމާރީ ބޮޑުތަނުން ކުޑަކަމަށް ފާހަގަކުރެވޭ.”
ލާމު އަތޮޅުގެ ޕޮލިސް ކޮމާންޑަރގެ މަޤާމު ފާއިތުވި ދެ އަހަރުގައި އަދާކުރައްވާފައިވާއިރު، ކުރެވުނު މަސައްކަތްތަކާއި ކާމީޔާބީތައް ހިއްސާކުރައްވަމުން ހަފީޡު ސަރ ވިދާޅުވީ ޓްރެފިކްގެ މައްސަލަތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނު ކަމަށެވެ.
ހަފީޡު ސަރ އަކީ ލާމު އަތޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ނޫންކަމުން، ލާމު އަތޮޅުގެ ޕޮލިސް ކޮމާންޑަރެއްގެ މަޤާމާ ހަވާލުވެ، އުނދަގޫ އަދި ދަތިކަންކަމާ ކުރިމަތިލެއްވިއެވެ. މީގެއިތުރުން، މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، ހަފީޡު ސަރގެ އިތުރުން އެހެން ކޮމާންޑަރެއް ލާމުގައި ނެތެވެ. އެއާއެކު، ހޭންޑްއޯވަރގެ މަރުހަލާއެއް ނުބޭއްވި، ކަންކަން އަމިއްލައަށް ދަސްކުރަން ޖެހިވަޑައިގަތެވެ. ލާމު އަތޮޅުގެ ރަށްތައް އެރުރެވިފައިވާ ގޮތާއި، އަތޮޅަށް ބޭނުންވާ ކަންކަން ރާވަން ޖެހިވަޑައިގަތީވެސް ކޮމާންޑަރެއްގެ ގޮތުގައި ހަފީޡު ސަރ އެކަންޏެވެ.
“އަޅުގަނޑާ ހަވާލުވެގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަވޭ، ލާމު އަތޮޅުގެ ރައްޔިތުން ފުލުހުން ބަލައިގަންނަކަން. ރައްޔިތުން ބޭނުންވަނީ ފުލުހުންނާ ގުޅިގެން ހުރިހާ ކަމެއް ކުރަން. 100 އިންސައްތަ ފުލުހުންނާ ރައްޔިތުންގެ ރަނގަޅެކޭ ނޫން މި ދަންނަވަނީ. އެހެންނަމަވެސް ފުލުހުންގެ މަސައްކަތުގައި ލާމު އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ފުލުހުންނަށް އިހުތިރާމް ކުރޭ.”
ހަފީޡު ސަރ އަށް ލާމުވީ ވަރަށް ހިތްގައިމު ތަނަކަށެވެ. ހަފީޡު ސަރ ވިދާޅުވީ ލާމުގައި އުޅެނީ ވަރަށް ހިތްހެޔޮ، އޯގާތެރި ރައްޔިތުން ތަކެއް ކަމަށެވެ.
“ލާމު އަތޮޅަކީ އަޅުގަނޑުގެ އުފަން އަތޮޅެއް ނޫން. އަޅުގަނޑަކީ ފ.ނިލަންދޫއަށް ނިސްބަތްވާ މީހެއް. އެހެންނަމަވެސް މިދިޔަ ދެއަހަރުތެރޭ ލާމުގެ ރައްޔިތުން އަޅުގަނޑާ ބެހެއްޓި ގާތްކަމާއެކު، ލާމު އަތޮޅަށް އަޅުގަނޑުގެ ހިތް ދެވިއްޖެ. ކުށް މަދު، ގުޅިގެން މަސައްކަތްކުރާ، ސަރުކާރުންވެސް ޕްރޮގްރާމެއް ހިންގަން ވެސް އެންމެ އިސްކަންދޭ ތަނަކަށް ވެގެން ގޮސްފައި މިއޮތީ ވަރަށް ގިނަ ބައެއްގެ ގުރުބާނީތަކާއެކެ.” ހަފީޡު ސަރ ވަނީ އޭނާގެ ހިތުގައި ލާމުއަތޮޅަށް އޮތް ލޯބި ހިއްސާކުރައްވާފައެވެ.
ހަފީޡު ސަރ އެންމެ ދެކެން ބޭނުންވާ ދުވަހަކީ މީގެ އަހަރުތަކެއް ފަހުން ލާމު އަތޮޅަށް އަންނައިރު، މިހާރު މިއޮންނަ ވަރަށްވުރެވެސް ލާމު އަތޮޅުގެ ޕޮލިސިން ހަރުދަނާވެފައި އޮތުން ކަމަށާއި، މުއައްސަސާތަކާއި ރައްޔިތުންނާ އޮންނަ ގުޅުން މިއަށްވުރެވެސް ބަދަހިވުމެވެ.
ހަފީޡު ސަރ އަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެއްބާރުލުމާއެކުގައެވެ.
” އަޅުގަނޑަށް އިތުބާރު ކުރައްވާ މި މަޤާމަށް އައްޔަންކޮށްދެއްވީތީ އޭރުގެ ކޮމިޝަނަރ މުހައްމަދު ހަމީދު ސަރ އަށް އަދި އޭގެ ފަހުން ކޮމިޝަނަރ ކަން ކުރެއްވި އަލީ ޝުޖާއު ސަރ އަށް އަދި މިހާރުގެ ކޮމިޝަނަރ އިސްމާއީލް ނަވީން ސަރ އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ޕޮލިސްގެ އެކި ލެވެލްތަކުގައި އަޅުގަނޑު އެދުނު ކޮންމެ ގަޑިއަކު ގައިޑެންސް ދެއްވަން ތިއްބެވި ސީނިއަރ އޮފިސަރުން އަދި އަޅުގަނޑުމެންގެ ކުރީގެ ރީޖަން ކޮމާންޑަރ ހުސެއިން ސަރ އަށް އަދި މިހާރުގެ ރީޖަން ކޮމާންޑަރ އަޒުހާން ސަރ އަޅުގަނޑަށް އިތުބާރު ކުރައްވާ ދެއްވި އެއްބާރުލުމަށް އަދި މިހާރުވެސް ދެއްވަމުންދާ އެއްބާރުލުމަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.”
ހަފީޡު ސަރ ވަނީ ލާމު އަތޮޅުގެ ހުރިހާ މުއައްސާތަކާއި ލާމު އަތޮޅުގެ ރައްޔިތުން އަދި ލާމު ޕޮލިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.
ހަފީޡު ސަރ ވަނީ ލާމަށް ހަފީޡު ސަރގެ ހިތުގައި އޮންނަ ހާއްސަ ކުލުނާއި ލޯބި ހިއްސާކުރައްވާފައެވެ. އެގޮތުން، ލާމު އަތޮޅުގެ ޘަޤާފީ ކުޅިވަރުތަކާއި، އަމިއްލަ ވަންތަ ބަސް، “ގޮޅަ ރިހަ”، ކައިވެނި މައްޗަށް ދިއުން، ތާރީޚީ އެކި އެކި ތަންތަން އަދި ވަކިން ޚާއްޞަކޮށް ހަފީޡު ސަރ ފާހަގަކުރެއްވީ ލާމު އަތޮޅުގެ މެހެމާންދާރީއަކީ ނަމޫނާއެއް ކަމަށެވެ. ހަފީޡު ސަރ ވިދާޅުވީ މިހާރު ލާމު އަތޮޅަކީ އުފަން އަތޮޅުގެ ގޮތުގައި އިހުސާސްވާ ކަމަށެވެ. 18 އަހަރު ދުވަހު ދާއިރާގައި މަސައްކަތްކުރައްވާފައިވާއިރު، އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ލާމުއަތޮޅުގައި ހޭދަކުރެއްވި ދެއަހަރެވެ.
މިހާރު ލ.އަތޮޅުގައި ހަފީޡު ސަރ ނުދަންނަ މީހުން މަދުވާނެއެވެ. ދެއަހަރު ތެރޭގައި ލ.އަތޮޅުގެ ރައްޔިތުން ވަނީ ހަފީޡު ސަރ ބަލައިގަނެފައެވެ. ހަފީޡު ސަރގެ ޓާމް ނިމި، ލ.އަތޮޅު ދޫކޮށް ދިއުމުން ހިތާމަކުރާ މީހުންވެސް މަދެއް ނޫނެވެ. ހަފީޡު ސަރ އާއި ހަފީޡު ސަރގެ އާއިލާއަށް ހެޔޮ ރަހްމަތް ލައްވާށި، އާމީން!