އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް އިންތިހާބުވުމާއެކު އުމެއިރު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
FAM ge hingaa committee ah inthihaabu vumaa eku Umair football kulhun huhtaalaifi

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީ އަށް އިންތިޚާބުވުމާއެކު، ޤައުމީ ޓީމުގެ ކުރީގެ ތަރި، މުޙައްމަދު އުމެއިރު ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއަށް އިއްޔެ މަޤާމު ހަވާލުކޮށްފައިވާއިރު، އުމެއިރު ވަނީ ސޯޝަލް މީޑިއާގައި އަސަރުގަދަ މެސެޖެއް ހިއްސާކޮށްފައެވެ. އޭނާ ކުރި ޕޯސްޓުގައި ބުނެފައިވަނީ، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އައު މަސްއޫލިއްޔަތެއް އުފުލަން ފަށާތީ، ފުޓުބޯޅަ ކުޅުމުން ފަހަތަށް ޖެހިލާ ކަމަށެވެ.
އުމެއިރުގެ ޕޯސްޓުގައި އޭނާ ވަނީ ކޯޗުންނަށް ޚާއްޞަ ޝުކުރެއް ރައްދުކޮށްފައެވެ. އެނާ ބުނިި ގޮތުގައި، އޭނާގެ ކެރިއަރު ފެށުނީ ލިރުޤާމް ސަޢީދު (ލަރޭ) ގެ ސަބަބުންނެވެ. ލަރޭ ވަނީ އޭނާ މާލެ ގެނެސް ކިޔެވުމާއި ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދަދީފައެވެ.
އުމެއިރު އެންމެ ފުރަތަމަ ރާއްޖެ ތަމްސީލް ކުރީ 16 އަހަރުން ދަށުގެ ޤައުމީ ޓީމާއެކުއެވެ. އޭރު ކޯޗުންގެ ގޮތުގައި ތިބީ އަލްމަރުޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އާއި މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.
އުމެއިރު ބުނި ގޮތުގައި އޭނާގެ އެންމެ ފުރަތަމަ ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުމުގެ ފުރުސަތު ހޯދައިދިނީ މަޢުރޫފް އަޙްމަދު (މާއްޓޭ) އާއި ޢަލީ ސުޒެއިން އެވެ. އުމުރުން 17 އަހަރުގައި އޭނާ ވަނީ ވިކްޓްރީގެ ފުރަތަމަ 11 އިން ޖާގަ ހޯދާފައެވެ.
އުމެއިރު ވަނީ ވިކްޓްރީގެ އިތުރުން ވީބީ، މާޒިޔާ، ނިއު ރޭޑިއަންޓް، ގްރީން ސްޓްރީޓް އަދި ވެލެންސިއާއަށް ކުޅެފައެވެ. އޭނާ ވަނީ މި ހުރިހައި ޓީމެއްގެ މެނޭޖްމަންޓާއި އެކުގައި ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.
ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އުމެއިރު ވަނީ 16 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ޓީމަށްވެސް ކުޅެފައެވެ. މީގެއިތުރުން އޭނާ އަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ.