ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގަމު ކައުންސިލުން ގޮވާލައިފި
Laamarukazee gaanoonu badhalu kurumah hushahalhaafaivaa bill anburaa gendhiyumah gamu council in govaalifi

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގަމު ކައުންސިލުން ގޮވާލައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުތައް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ.
މިކަމާ ގުޅިގެން ގަމު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތައް އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކުގެ ބާރު ކަނޑުވާލާ ބަދަލުތަކެއް ކަމަށެވެ.
މީގެއިތުރުން، މި އިސްލާހުތަކަކީ ކައުންސިލްތަކަށް ލިބިފައިވާ މިނިވަންކަމާއި، ރަށްރަށުގެ ހިދުމަތްތަކާއި އުމްރާނީ ތަރައްްގީއަށް ފަހިވެގެން ދިޔަ ދޮރުތައް ބަންދުކުރުމުގެ ބޭނުމުގެ ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކެއްކަން ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނީ މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން މާލީ ނަފާ ހޯދުމަށާއި، އިގްތިސާދު ބިނާކުރުމަށް ހުޅުވާފައިވާ އެންމެހާ ދޮރުތަކުގައި ތަޅުއެޅުވޭނެކަމަށެވެ. ހަމަމިއާއެކު، ރައްޔިތުން 5 އަހަރު ދުވަހުގެ ދައުރަކަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނުކުޅަދާނަ ވާނެކަމަށާއި ކައުންސިލަރުންނާއި ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ގަމު ކައުންސިލް އިދާރާއިން ނެރުނު ބަޔާނުގައި ބުނީ މިއީ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނުގެ ރޫހާއި ހިލާފު ބަދަލުތަކެއް ކަމަށެވެ.
“އެހެންކަމުން، ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމެވެ.” ގަމު ކައުންސިލުން ވަނީ ބިލު އަނބުރާ ނުގެންދިޔަ ކަމުގައިވީ ނަމަވެސް، ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މި ބިލަށް ވޯޓު ނުދެއްވުމަށް އާދޭހާއެކު ދަންނަވާފައެވެ.
މި އިސްލާހުތަކާ މެދު ގަމު ކައުންސިލްގެ ރައީސްް އަހުމަދު ޒަކީ ނުރުހުން ފާޅުކުރައްވާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުން ސާފުވެގެންދާ ހަގީގަތަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ބާރުވެރިކުރުމުގެ ކުޑަމިންވަރެއްގެވެސް ހެޔޮ ނިޔަތެއް ނެތްކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ހާއްސަގޮތެއްގައި އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލުތަކަށް އަމާޒުކުރެވިގެން، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހުށަަހަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ.