ލ.ކަޅުރަހާއާ ގުޅޭގޮތުން މާވަށު ކައުންސިލުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ލ.އަތޮޅު ކައުންސިލް
Kalhurahaa aa gulheygothun maavashu council in fathuramundhanee hageegathaa hilaafu vaahaka thakeh: L.Atoll Council

ލ.ކަޅުރަހާގެ އިހުތިސާސްއާ ގުޅޭގޮތުން ލ.މާވަށު ކައުންސިލުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާ އިން ބުނެފިއެވެ.
ލ.ކަޅުރަހާ މައްސަލައިގައި މާވަށު ކައުންސިލުން ފަތުރަމުން ގެންދާ ވާހަކަތަކާ ގުޅިގެން، އަތޮޅު ކައުންސިލުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ލ.ކަޅުރަހާ އަކީ ވަގުތީ އެއްބަސްވުމެއްގެ ދަށުން މާވަށު ކައުންސިލާ ހަވާލުކުރެވުނު ރަށެއް ކަމަށެވެ.
އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މި އެއްބަސްވުމުގައި ބަޔާންކުރެވިފައި ވަނީ، ކައުންސިލްގެ އިހުތިސާސް ކަނޑައެޅުނުއިރު، މާވަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ފަޅު ރަށެއް ހިމެނިފައި ނެތުމުން، ސަރުކާރުން ވަކި ގޮތެއް ހަމަޖައްސަވަންދެން، މާވަށު ކައުންސިލުން ބޭނުންކުރުމަށް، އަތޮޅު ކައުންސިލް އިދާރާއާއެކު މާވަށު ކައުންސިލާ ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މީގެއިތުރުން، އެ ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ސަރުކާރުން ވަކިގޮތެއް ހަމަޖައްސަވަންދެން ނުވަތަ މާވަށު ކައުންސިލަށް ފަޅުރަށެއް ލިބެންދެން ކަމަށެވެ. މިފަދަ ސާފު އިބާރާތަކުން ބަޔާންކޮށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނިކޮށް، ސަރުކާރުން ވަނީ މާވަށު ކައުންސިލަށް ލ.ބޮޑުމާބުޅަލި ހަމަޖައްސައިދެއްވާފައި ކަން އަތޮޅު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަތޮޅު ކައުންސިލާއެކު މާވަށު ކައުންސިލުން ހެދި އެއްބަސްވުން އޭގެ ޒާތުގައި ނިމިފައިވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމަމިއާއެކު، މި އެއްބަސްވުން ރަސްމީކޮށް ބާތިލްކުރުމަށް މާވަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެޑައިގެންނެވި ކަމަށާއި، ހައްދުންމަތީ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 67 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
“އިސްވެ ދެންނެވުނު ގޮތުގެ މަތީން، މި ކައުންސިލާއި މާވަށު ކައުންސިލާ ދެމެދު ވެވިފައިވާ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން، ލ.ކަޅުރަހާ ހުސްކޮށް ދެއްވައި، އެރަށް ކައުންސިލާ ހަވާލު ކުރުމަށް ހައްދުންމަތީ މާވަށު ކައުންސިލްގައި ތަކުރާރުކޮށް ދެންނެވިފައިވީ ނަމަވެސް، މި ކަމަށް މާވަށު ކައުންސިލުން އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.” ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ލ.ކަޅުރަހައަކީ މިވަގުތު މާވަށު ކައުންސިލާ ހަވާލުކުރެވިފައިވާ ފަޅުރަށެއް ނޫންކަމަށެވެ. މިރަށް ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާ އިން ވަނީ އިއުލާނު ކޮށްފައެވެ.