ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތް: މާހިންނައިން ޗެމްޕިއަންކަން ހޯދިއިރު، ގަން ގޯލްޑް ކަޕަށް

Laamaseelu Laamu Atoll football Tournament: Maahinna in champion kan hoadhi iru, Gan Gold cup ah

ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށް، މާހިންނަ ޔުނައިޓެޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމު ނިސްބަތްވާ ރަށަށް ގޯލްޑް ކަޕުން ޖާގަ ލިބޭއިރު، ފައިނަލުގައި ވާދަކުރި ދެ ޓީމަކީވެސް ލ.ގަމަށް ނިސްބަތްވާ ދެ ޓީމެވެ. މިއާއެކު، ފައިނަލް މެޗާ ހަމަޔަށް އައިއިރުވެސް، ލ.ގަން ގޯލްޑް ކަޕަށް ކޮލިފައިވާކަން ވަނީ ކަށަވަރުވެފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ގޯލްޑް ކަޕުގައި ގަން ތަމްސީލުކުރާ ޓީމުގެ މެނޭޖްމަންޓު ކަނޑައެޅުމުގެ ބާރު، މާހިންނަ އަށް ވަނީ ލިބިފައެވެ.

ބުރާސްފަތި ދުވަހު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފުގައި އަލީ ނަސޫހު ރަޝީދު (ޕިލާ) ޖެހި ލަނޑާއެކު މާހިންނަ އިން ވަނީ ކުރިހޯދާފައެވެ.

މެޗު ނިމެން ގާތް ވެފައިވަނިކޮށް އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ލަނޑާއެކު ގޯޅިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއާއެކު، މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.

ޕެނަލްޓީގައި މާހިންނަ އިން ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ. މާހިންނަ އިން ޕެނަލްޓީ ކާމިޔާބުކުރީ ހުސައިން ނިހާން (ނިހަޓް)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، ހަސަން ފަވާޒް (ފައްވަ)، މުހައްމަދު ވަހީދު، ހަސަން ނަވާޒް އަދި މުހައްމަދު ސާބިގް (އުއްކު) އެވެ. އެ ޓީމުގެ ޒައިދަން އަބްދުﷲ (ޒައިއްކޮ) އާއި މުހައްމަދު ނިޒާމް (ޕީކޭ)ގެ ޕެނަލްޓީ، ގޯޅި ޓީމުގެ ކީޕަރު މުހައްމަދު ރަޝީދު (ޓޭޓު) ވަނީ ދިފާއުކޮށްފައެވެ.

ގޯޅި ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ހުސައިން ޝަރީފް (އޮންލީ)، އަލީ ޝާމިސް (ތޮއްޕެ)، އަބްދުﷲ ޖުނެއިދު (ޖޭންނެ)، ރިޒޭ އަދި އަލީ އަރުޝަދެވެ. އިބްރާހިމް މަހުދީ ހުސައިން (އިއްބެ) ގެ ޕެނަލްޓީ މާހިންނަގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއުކުރިއިރު، ހުސައިން ނާޝިދު (ނާއްޓޯ) އާއި ޓޭޓުގެ ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މާހިންނަގެ ރާއްކޮ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ގޯޅި ޓީމުގެ ޓޭޓު ހޮވިފައިވާއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެ ޓީމުގެ އިއްބެ އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ މާހިންނަގެ ހޫދު އަހުމަދު ފަތުހީ އެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ކޯޗު، އަހުމަދު ޝަރީފް (ޑުންގާ) އެވެ. އަދި ފެއާ ޕްލޭ ޓީމަކީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ކުރިޔަށްދިޔަ މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ވާދަކޮށްފައެވެ. އޭގެތެރެއިން ހަތަރު ޓީމަކީ ގަމަށް ނިސްބަތްވާ ހަތަރު ޓީމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments