ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

Laamarukazee usoolun hingumuge gaanoonah islaahu genaumuge bill raees thasdheegu kurahvaifi

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާކުރުމަށާއި، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް ކަމަށެވެ.

ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.

އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަހައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްގީ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ޑރ މުއިއްޒު މި ބިލް ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކުރައްވާފައެވެ. އެއާއެކު މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަންފަށާފައެވެ.މި ބިލުގައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާ، މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ގެންނެވި އިސްލާހުތަކެއް ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments