ލ.ގަން ޓީމާމެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް: ޑުންގާ
L.Gan team aa medhu varah bodu unmeedheh eba oiyy: Dunga

މިއަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕަށް ލ.ގަން ކޮލިފައިވެފައިވާއިރު، ލ.ގަން ޓީމާމެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް މާހިންނަ ޔުނައިޓެޑުގެ ކޯޗު، އަހުމަދު ޝަރީފް (ޑުންގާ) ބުނެފިއެވެ.
ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާހިންނަ އިން ހޯދުމާއެކު، ގަމަށް ވަނީ ގޯލްޑް ކަޕުން ފުރުސަތު ލިބިފައެވެ.
ގޯލްޑް ކަޕުގައި ގަން ތަމްސީލުކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑުންގާ ބުނީ، ލ.ގަމުން އެއް ޓީމު ނަގައިގެން ރަނގަޅު ގޮތުގައި ޕްރެކްޓިސްތަކެއް ކޮށް، މުބާރާތާ ހަމަޔަށް ގޮސްފިއްޔާ މި ޓީމަށް ނަތީޖާ ހޯދުމަކީ އުނދަގު ކަމެއް ނޫންކަމަށެވެ. އަދި ގަމުގައި ތަފާތު މޮޅު، ތަޖުރިބާކާރު އަދި ގައުމީ ފެންވަރުގެ ކުޅުންތެރިން އެބަ ތިބި ކަމަށް ޑުންގާ ވަނީ ބުނެފައެވެ. މިއާއެކު، ޓީމާ މެދު ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށް ޑުންގާ ވަނީ ބުނެފައެވެ.
ޑުންގާ ސިފަކުރި ގޮތުގައި ގަމުގެ އެންމެ ބޮޑު އުއްމީދަކީ ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނެވެ. އޭނާ ބުނި ގޮތުގައި، ޒުވާން ކުޅުންތެރިން ރާއްޖޭގެ ގިނަ ހިސާބުތަކުގައި މަދު ނަމަވެސް، ގަމުގައި ވަރަށް ތަފާތު ކުޅުންތެރިން އެބަތިބި ކަމަށެވެ. އެ ކުޅުންތެރިން ކުރިއަރުވަން މަސައްކަތް ކޮށް، ރަނގަޅު ޕްރެކްޓިސްތަކެއް ޓީމާއެކު ކޮށްފިނަމަ އެއީ ރަން ޖީލެއް ކަހަަލަ ކުޅުންތެރިންތަކެއް ކަމަށް ޑުންގާ ބުންޏެވެ.
ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑުންގާ ބުނީ، ޓީމާ ހަވާލުވި ހިސާބުން ފެށިގެން ޓީމާ ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އޮތް ކަމަށެވެ. ނަމަވެސް، ކޯޗު ޓީމާއެކު ހޭދަކުރަން ވަގުތު ނުލިބި ޕްރެކްޓިސް މަދުވުމުން، ކުޅުންތެރިންގެ ފިޓްނަސް އާއި މެންޓަލިޓީ ޖަޖް ކުރަން ނޭންގުމަކީ ގޮންޖެހުމެއް ކަމަށް އޭނާ ބުންޏެވެ. ޑުންގާ އިތުރަށް ބުނީ، ޓީމުން އިތުރު ޕްރެކްޓިސްތަކެއް ކޮށް، ޕްރެކްޓިސް މެޗުތަކެއް ކުޅުނު ނަމަ އަދި މިޔަށްވުރެ ތަފާތު ވާނެ ކަމަށެވެ.
ޑުންގާ ބުނި ގޮތުގައި ޓީމަށް ރަނގަޅު ނަތީޖާއެއް ލިބުނީ ކުޅުންތެރިންގެ އިންޑިވިޖުއަލް ޕާފޯމަންސްއާ، ހިތްވަރާ، އަޒުމާ، އެކުޅުންތެރިންނާ ކޯޗާ ދޭތެރޭ އުފެދިފައިވާ އިތުބާރުގެ ސަބަބުންނެވެ. މީގެއިތުރުން، މި ކާމިޔާބީއަކީ 12 ވަނަ ކުޅުންތެރިޔާ (ސަޕޯޓަރުން) ހޯދަދިން ހިތްވަރާއި އެ މީހުންގެ މަސައްކަތާއި އަދި ކުޅުންތެރިންގެ ބުރަ މަސައްކަތާއި މެނޭޖްމަންޓުގެ އިތުބާރުގެ ސަބަބުން ލިބުނު ކާމިޔާބެއް ކަމަށް އޭނާ ބުންޏެވެ.
މިއަހަރުގެ ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާހިންނައިން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ގޯޅި ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ.