ލެކްރޯސް އިން ދެވަނަ މޮޅު ހޯދިއިރު، އައިސް އިން އުއްމީދު އައުކޮށްފި
Lacrose in dhevana molhu hoadhi iru, EYES in unmeedhu aakohfi

ފޮނަދޫ ބަށިބޯޅަ މުބާރާތުގައި ލެކްރޯސް އިން ދެވަނަ މޮޅު ހޯދިއިރު، އެންކަރޭޖިން ޔޫތު އެމްޕަވަމަންޓް ސޮސައިޓީ (އައިސް) އިން މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އައުކޮށްފިއެވެ.
ލެކްރޯސް އިން ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުވެސް ކާމިޔާބުކޮށްފައެވެ. އިއްޔެ ހަވީރު އެ ޓީމުން ވަނީ އައިލެންޑާސް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދާފައެވެ. ލެކްރޯސް އިން 23 ލަނޑާއި ހަތަރު ބޯޅަ ހެދިއިރު، އައިލެންޑާސް އަށް ހެދުނީ 14 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެކްރޯސްގެ ހައްވާ ލިއުޝާ އެވެ. އެ ޓީމުން ފުރަތަމަ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ލިއުޝާ އެވެ.
އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ އައިސް އާއި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލެބެވެ. އެފްއެމްއެސްސީން ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، އައިސް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ކޮންމެ ޓީމަކުންވެސް އެއް އިނިންގްސް ކުޅުނު އިރު، ދެ ޓީމުގެ ދެމެދުގައި އޮތީ ކުޑަ ފަރަގެކެވެ. މެޗުގެ އެންމެ ފަހު އިނިންގްސްގައި ކުޅެން އެރީ އެފްއެމްއެސްސީ އެވެ. އައިސް އިން ވަނީ އެ އިނިންގްސްގައި ތަފާތު ދައްކައި، ގިނަ ބޯޅަތަކެއް ހިފާފައެވެ. އައިސް އިން 19 ލަނޑާއި 11 ބޯޅަ ހެދިއިރު، އެފްއެމްއެސްސީ އަށް ހެދުނީ 15 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އައިސްގެ ފާތިމަތު ރަޒިއްޔާ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޮނަދޫ ޕޮލިހާއި އައިލެންޑާސް އެވެ. އަދި ދެވަނަ މެޗުގައި ލެކްރޯސް ނިކުންނާނީ އެފްއެމްއެސްސީއާ ދެކޮޅަށެވެ.