އެފްއެމްއެސްސީ ބަލިކޮށް ލެކްރޯސް ފައިނަލަށް
FMSC balikoh Lacrose final ah

ފޮނަދޫ ބަށިބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) ބަލިކޮށް، ލެކްރޯސް އިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ލެކްރޯސް އިންވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އެފްއެމްއެސްސީ ބަލިކޮށް އެ ޓީމުން ފައިނަލުގެ ޖާގަ ހޯދީ ލީގު ބުރުގެ އެއް މެޗު ނުކުޅެއެވެ.
އެފްއެމްއެސްސީއާ ދެކޮޅަށް އިއްޔެ ހަވީރު ކުޅުނު މެޗުގައި ލެކްރޯސް އިން ވަނީ 23 ލަނޑާއި ހަތަރު ބޯޅަ ކާމިޔާބުކޮށްފައެވެ. އެފްއެމްއެސްސީއަށް ކާމިޔަބުކުރެވުނީ 19 ލަނޑެވެ. ލެކްރޯސް އިން ފުރަތަމަ ކުޅުނު ދެ މެޗަކޭ އެއްގޮތަށް، މި މެޗުގެވެސް މޮޅު ކުޅުންތެރިޔަކީ ލިއުޝާ އެވެ.
އިއްޔެ ހަވީރު ފޮނަދޫ ޕޮލިހުން ވަނީ އައިލެންޑާސް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ. ފޮނަދޫ ޕޮލިހުން 22 ލަނޑު ކާމިޔާބުކުރިއިރު، އައިލެންޑާސް އަށް ކާމިޔާބުކުރެވުނީ 10 ލަނޑާއި ހަތަރު ބޯޅަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ފޮނަދޫ ޕޮލިސްގެ ހަފީޒާ އަލީ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޮނަދޫ ޕޮލިސް އާއި އެންކަރޭޖިން ޔޫތު އެމްޕަވަމަންޓް ސޮސައިޓީ (އައިސް) އެވެ. އަދި ދެވަނަ މެޗުގައި އެފްއެމްއެސްސީ ނިކުންނާނީ އައިލެންޑާސް އާ ދެކޮޅަށެވެ.