އާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް: ސޯލިހު
Aa bilakee raahjeyge minivan noosverikamah dhevey bodu hamalaa eh: solih

ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާއި ނޫސްވެރިންވެސް ހިމެނޭގޮތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ބިލެއް ހުށަހަޅާފައެވެ. މިބިލާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސޯޝަލްމީޑިއާގައި ފާޑު ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށާއި، މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް ކަމަށެވެ.
އެމަނޮކުފާނު ވަނީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މިކަމާއި ގުޅިގެން ބައެއް ނޫސްވެރިން މުޒާހަރާކޮށްފައިވާއިރު، އެމްޖޭއޭ އިން އަދި މީޑިއާ ކައުންސިލުން ވެސް ވަނީ މި ބިލު މަޖިލީހުން ބޭރު ކުރުމަށް ގޮވާލާފައެވެ.