ފޮނަދޫ ޕޮލިސް ބަލިކޮށް އައިސް ފައިނަލާ ގާތަށް
Fonadhoo Police balikoh EYES final aa gaathah

މިހާރު ކުރިޔަށްދާ ފޮނަދޫ ބަށި ބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ފޮނަދޫ ޕޮލިސް ބަލިކޮށް، އެންކަރޭޖިން ޔޫތު އެމްޕަވަމަންޓް ސޮސައިޓީ (އައިސް) ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
އިއްޔެގެ މެޗަށް ނިކުތްއިރު ދެ ޓީމުވެސް ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. މެޗު ކާމިޔާބުކުރާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބިމުގެ ފުރުސަތު ބޮޑުކޮށް އޮތްއިރު، އައިސް އިން ވަނީ މެޗު ކަމިޔާބުކޮށްފައެވެ. މިއާއެކު، މިއަދު ހަވީރު އައިލެންޑާސް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައިގެން އައިސް އަށް ފައިނަލަށް ދެވޭނެއެވެ.
މި މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު އައިސް އިން ވަނީ 26 ލަނޑާއި 11 ބޯޅަ ކާމިޔާބުކޮށްފައެވެ. ފޮނަދޫ ޕޮލިހަށް ކާމިޔާބުކުރެވުނީ 16 ލަނޑާއި 10 ބޯޅަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އައިސްގެ ފާތިމަތު ނަހުޒާ އެވެ.
އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި އައިލެންޑާސް އެވެ. މެޗަށް ނިކުތްއިރުވެސް އައިލެންޑާސް އަށް ވަނީ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. އަދި އެފްއެމްއެސްސީ އަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެފްއެމްއެސްސީން މި މެޗު ކަމިޔާބުކޮށްފައިވާއިރު އެ ޓީމުން ވަނީ 23 ލަނޑާއި ފަސް ބޯޅަ ކާމިޔާބުކޮށްފައެވެ. އައިލެންޑާސް އަށް ކާމިޔާބުކުރެވުނީ 13 ލަނޑާއި ފަސް ބޯޅަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެފްއެމްއެސްސީގެ މަރިޔަމް ޝިޒާނާ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޮނަދޫ ޕޮލިސް އާއި ލެކްރޯސް އެވެ. ލެކްރޯސް އިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، ފޮނަދޫ ޕޮލިހަށް މެޗު ކާމިޔާބުކުރުން މަޖުބޫރުވާނެއެވެ.
މިއަދު ހަވީރުގެ ދެވަނަ މެޗުގައި އައިސް ނިކުންނާނީ އައިލެންޑާސްއާ ދެކޮޅަށެވެ. މި މެޗު ކާމިޔާބުކޮށްގެން އައިސް އަށް ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ.