އައިލެންޑާސް ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ އައިސް އަށް
Islanders balikoh, final ge fahu jaaga EYES ah

ފޮނަދޫ ބަށި ބޯޅަ މުބާރާތުގައި އިއްޔެ ހަވީރު އައިލެންޑާސް ސްޕޯޓްސް ކްލަބް ބަލިކޮށް، އެންކަރޭޖިން ޔޫތު އެމްޕަވަމަންޓް ސޮސައިޓީ (އައިސް) އިން ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށް، ލެކްރޯސް އިން ވަނީ ފުރިހަމަ ރެކޯޑަކާއެކު ފައިނަލުގެ ފުރަތަމަ ޖާގަ ހޯދަފައެވެ. އިއްޔެ އައިލެންޑާސްގެ މައްޗަށް ކުރިހޯދައި، އައިސް އިން ވަނީ ތިން މޮޅާއެކު ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައެވެ.
އައިސް އާއި އައިލެންޑާސް ބައްދަލުކުރި މެޗުގައި އައިސް އިން ވަނީ 23 ލަނޑާއި 11 ބޯޅަ ކާމިޔާބުކޮށްފައެވެ. އައިލެންޑާސް އަށް ކާމިޔާބުކުރެވުނީ 14 ލަނޑާއި 11 ބޯޅަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އައިސްގެ ފާތިމަތު ރަޒިއްޔާ އެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެކްރޯސް އާއި ފޮނަދޫ ޕޮލިހެވެ. ފައިނަލަށް ދިއުމަށް ޕޮލިހަށް މި މެޗުން މޮޅުވުން މަޖުބޫރު ވެފައިވާއިރު، އެ ޓީމު ވަނީ ލެކްރޯސް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ. މި މެޗުގައި ލެކްރޯސް އިން 25 ލަނޑާއި 11 ބޯޅަ ކަމިޔާބުކުރިއިރު، ޕޮލިހަށް ކާމިޔާބުކުރެވުނީ 20 ލަނޑާއި ނުވަ ބޯޅަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ލެކްރޯސްގެ ހައްވާ ލިއުޝާ އެވެ.
ލެކްރޯސް އާއި އައިސް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު، ފޯރިގަދަ ކުޅުމަކަށް ފަހު ކަމިޔާބުކުރީ ލެކްރޯސް އިންނެވެ.