ހުއްދަނެތި ވަކީލުކަންކުރި އަންހެނެއްގެ މައްސަލައެއް ފެންމަތިވެއްޖެ

Huhdha nethi vakeelukan kuri anheneh ge mahsala eh fenmathi vehje

ބާކައުންސިލްގެ ހުއްދަނެތި ގާނޫނީ ވަކީލަކަށް އުޅުނު އަންހެނެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ވަކާލާތުކުރުމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ވަކީލެއް ކަމަށް ހެދިގެން އުޅުނީ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ އެވެ. މި އަންހެން މީހާ ވަޒީފާ އަދާކުރަމުން ދިޔައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ކަމަށް މައުލޫމާތު ލިބެއެވެ. އެމްޕީއެލްގެ ގާނޫނީ ވަކީލަކަށް ވަޒީފާ އަދާކުރަމުން ދަނިކޮށް، އެމްޕީއެލުން އޭނާގެ ނަން ގާނޫނީ ވަކީލުންގެ ދަފްތަރުގައި ނެތުމުން، ބާކައުންސިލަށް ހުށަހެޅީއެވެ.

އެ މައްސަލަ ފެންމަތިވުމާއެކު، އޭނާ ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވެފައެވެ.

ބާކައުންސިލުން ބުނީ އޭނާއަކީ އެއްވެސް އިރެއްގައި އެ ކައުންސިލުން ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާގެ އަތުގައިވާ ވަކާލާތުކުރުމުގެ ހުއްދައަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތު ކުރުމުގެ ހުއްދައާ އެއްގޮތަށް ތައްޔާރުކޮށްފައިވާ، އަސްލެއް ނެތް ލިޔުމެއްކަން ވެސް ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، އެ ކައުންސިލުން ބުނީ އޭނާގެ ލިޔުމުގައި އޮތް ސޮޔަކީ ލިޔުން ހެދި ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ވެސް ނޫން ކަމަށެވެ. ބާކައުންސިލުން އިތުރަށް ބުނީ ތޫބާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫންކަން އެ ކައުންސިލަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ހުއްދަ ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން ގާނޫނީ ވަކީލެއްކަމުގައި އާންމުންނަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން  މަސައްކަތްކުރުމަކީ ރާއްޖޭގެ ގާނޫނުން މަނާކުރާ ކަމެކެވެ. ބާކައުންސިލުން ވަނީ އެއްވެސް ފަރާތަކުން މި ފަދަ އަމަލުތައް ނުހިމްގުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފްތަރު ބާ ކައުންސިލުގެ ވެބްސައިޓުން ފެންނާނެ އެވެ. އެހެންކަމުން، ހިދުމަތްދޭ ނުވަތަ ދޭން ހުށަހަޅާ ފަރާތަކީ ހުއްދަ އޮތް ފަރާތެއްތޯ ކަށަވަރުކުރުމަށް ވެސް ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Hhdh
Hhdh
1 month ago

Adureyge kameh thee