ސައްހަ ނޫން ސެޓްފިކެޓް ބޭނުންކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން
Sah'ha noon certificate beynun kuraanama gaanoonee fiyavalhu alhaanan: fuluhun

ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުށަހަޅާއިރު، ސައްހަ ނޫން އެކެޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ، އެފަދަ ކުށްކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުން، މޯލްޑިވްސް ކޮލިފިޗޭޝަން އަތޯރިޓީ(އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖުކުރުމުގެ މި މައްސަލަތައް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުން ތަހުގީގުކޮށް، ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.
މީގެއިތުރުން، ފުލުހުންގެ ބަޔާނުގައި ބުނީ މިފަދަ ކުށްތަކައށް އަރަިގަންނަ ފަރާތްތަކުގެ މައްސަލަ ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދެ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި ވަޒީފާ ދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހަމަމިއާއެކު، ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.