ކުޑަކުދިންނަށް ވަޅި ވިއްކުން މަނާ، ވިއްކައިފިނަމަ ބޮޑު ޖޫރިމަނާއެއް!
Kudakudhinnah valhi vihkun manaa, vihkaifinama bodu joorimanaa eh!

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅައިފައިވާ ބިލު، މިއަހަރު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. ރައީސް ޑރ މުއިއްޒު ވަނީ މި ބިލް ތަސްދީގުވެސް ކުރައްވާފައެވެ.
މި ގާނޫނުގެ ދަށުން، ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފިނަމަ، 20000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ރާއްޖޭގައި ނުރައްކާތެރި އަދި ރޭވިގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިހާރު މިވަނީ އަމަލުކުރަން ފަށައިފިއެވެ.
މި ގާނޫނުގެ ބޭނުމަކީ ނުރައްކާތެރި އަދި ރޭވިގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުމެވެ. މީގެއިތުރުން، ރޭވިގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރެއް ވެސް މި ގާނޫނުގެ ދަށުން ވަނީ ދީފައެވެ.
މި ގާނޫނާއެކު، ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ހާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މި ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ހާއްސަ ބާރުތަކުގެ ތެރޭގައިކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރު ހިމެނެއެވެ. އަދި ކޯޓަށް ލިބިފައިވާ ހާއްސަ ބާރަކީ ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރެވެ.