ފޮނަދޫގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް ދިޔައީ އެންމެ ދެ މީހުން

Fonadhoogai beyhvi rahyithunge bahdhaluvumah dhiyaee enme 2 meehun

ހައްދުންމަތީ ފޮނަދޫ ކައުންސިލުން އެރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ބޭއްވި, އާންމު ރައްޔިތު ބައްދަލުވުމަށް ހާޒިރުވެފައިވަނީ އެންމެ 2 މީހުންނެވެ. ދެން ހާޒިރު ވެފައިވަނީ ކައުންސިލްގެ މުވައްޒަފުން ކަމަށް މައުލޫމާތު ލިބެއެވެ.

29 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފޮނަދޫ މެދުއަވަށު އިޖުތިމާއީ މަރުކަޒުގައި ރައްޔިތުންގެ ބައްދަލުވުން އޮންނާނެކަން އެ ކައުންސިލުން އިއުލާންކޮށްފައިވަނީ 21 އޮގަސްޓް 2025 ވަނަ ދުވަހުއެވެ. އޭގެފަހުން, ބައްދަލުވުން އޮންނަ ތަން, ކައުންސިލްގެ އިދާރާއަށް ބަދަލުވިކަން އެކަނުންސިލުން އިއުލާންކޮށްފައިވަނީ 28 އޮގަސްޓް 2025 ވަނަ ދުވަހުއެވެ. އެކަން އެ ކައުންސިލްގެ ފޭސްބުކް ޕޭޖް އަދި ވައިބަރ ކޮމިއުނިޓީ ގްރޫޕްގައި ވަނީ ހިއްސާކޮށްފައެވެ.

ރޭ ބޭއްވިގެން ދިޔަ ރައްޔިތުންގެ ބައްދަލުވުމަކީ 2026 ވަނަ އަހަރު މަސައްކަތު ތާވަލާއި ގުޅިގެން ކައުންސިލުން 2022-2026 އަށް އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނަށް އައި ބަދަލުތަށް ރައްޔިތުންނަށް ހުށަހަޅާ ފާސްކުރުން ކަމުގައި ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ރައްޔިތުންންގެ ބައްދަލުވުން ތަކަކީ, ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެކެވެ. އެގޮތުން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައި މަހު ބާއްވަންޖެހެއެވެ. މީގެއިތުރުން, ކައުންސިލްތަކުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި, ކަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ގުޅޭގޮތުން އެރަށެއްގެ ރައްޔިތުންނާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް, ކައުންސިލްގެ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންނާ މަޝްވަރާ ކުރުމުގެ ގޮތުން މަދުވެގެން ކޮންމެ 4 މަހަކުން އެއްފަހަރު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަންޖެހެއެވެ.

ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ޤާނޫނުން, ކައުންސިލުގެ މައްޗަށް ލާޒިމްކޮށްފައިވާއިރު, ފޮނަދޫ ކައުންސިލުން ދަނީ ޤަވާއިދުން ބައްދަލުވުންތައް ބާއްވަމުންނެވެ. އެހެންނަމަވެސް ކޮންމެ ބައްދަލުވުމަކަށްވެސް ހާޒިރުވަނީ ވަރަށް މަދު ބައެކެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ރިޔާޟް އަށް ގުޅާލުމުން ވިދާޅުވީ، ތިން މަހުން ބާއްވާ ކުދިކުދި ބައްދަލުވުން ތަކަކީ މާބޮޑު ކަމެއް ނޯންނަ ބައްދަލުވުން ތަކެއް ކަމުން މިފަދަ ބައްދަލުވުން ތަކަށް އާންމުން މާބޮޑު ސަމާލުކަމެއް އަދި މުހިންމުކަމެއްވެސް ނުދޭ ކަމަށެވެ.

ރިޔާޟް ވިދާޅުވީ ތިން މަހުން ބާއްވާ ބައްދަލުވުންތަކަށް ވުރެ ހަ މަހުން ބާއްވާ ބައްދަލުވުންތަކަށް މީހުން ގެންނަން މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކަށް ކޮންމެވެސް ވަރެއްގެ ތަރުހީބުވެސް ލިބޭ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ ބައްދަލުވުމަށް ވެސް 60 މީހުން ހާޒިރުވިކަން ފާހަގަކުރެއްވިއެވެ.

“ސިޔާސީ ގޮތުން އޮންނަ ގްރޫޕްތައްވެސް، އެ މީހުންނަށް އިންވައިޓް ކުރީމަ އާންމުކޮށް އާދެ” ބައްދަލުވުންތަކަށް މީހުން ގެނައުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ރިޔާޟް ވިދާޅުވިއެވެ. އޭގެ އިތުރުން އެކިއެކި ކޮމިއުނިޓީ ގްރޫޕް ތަކަށް އިންވައިޓް ކުރުމާއި ކެއުންތައްޔާރު ކުރުމަކީ ވެސް މިހުން އިތުރު ކުރަން ކުރާ ކަންކަން ކަމުގައި ފާހަގަ ކުރެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments