ކިންގްސް ކަޕްގެ އެންމެ މޮޅު ކޯޗަކަށް އިއްސެ، އެންމެ މޮޅު ކީޕަރަކަށް ޕަފް
Kings Cup ge enme molhu coach akah Isse, enme molhu keeper akah Puff

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ކިންގްސް ކަޕުގެ އެންމެ މޮޅު ކޯޗަކަށް ރޯޑް ރެކްރިއޭޝަން ކްލަބު (އާރުއާރުސީ) ގެ އިސްމާއިލް ޝަރީފް (އިއްސެ) ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކަށް އެ ޓީމުގެ މުހައްމަދު ލުފްޝާން (ޕަފް) ހޮވިއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އާރުއާރުސީ އިން ވަނީ 9-4 ގެ ނަތީޖާއަކުން ބ.އޭދަފުށީ ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ) ބަލިކޮށްފައެވެ.
ޗެމްޕިއަން އާރުއާރުސީގެ ކޯޗަކީ ލ.ގަން ފުޓްސަލް ޓީމުގެ ކުރީގެ ކޯޗު، އިއްސެ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުމާއެކު، އިއްސެ އަށް ވަނީ “މާސްޓާ އޮފް ސަލްޓަން” ގެ ލަގަބު ދީފައެވެ.
މިއަހަރުގެ ކިންގްސް ކަޕުގައި، އާރުއާރުސީ ޓީމުގައި ހިމެނޭ ލ.ގަމު ދެ ކުޅުންތެރިން ކަމަށްވާ ޕަފް އާއި އަލީ ޝާމިސް (ތޮއްޕެ) ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ސީސީ ޓީމުގެ ގިނަ ހަމަލާތައް ހުއްޓުވުމާއެކު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕަފް އެވެ.
މި މުބާރާތުގައި ތޮއްޕެގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، އޭނާ ވަނީ ފައިނަލް މެޗުގައިވެސް ލަނޑު ޖަހާފައެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައިވެސް ލ.އަތޮޅުގެ ގިނަ އަދަދެއްގެ ކުޅުންތެރިން އެކި ޓީމުތަކަށް ކުޅުން އެއީ މުޅި ލ.އަތޮޅަށް ލިބޭ ބޮޑު ޝަރަފެކެވެ.