ޑަބްލިއުޑީސީ އާ ގުޅިގެން ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކުރުމުގެ ޙާއްސަ ޕްރޮގްރާމެއް ފަށައިފި
WDC Aai Gulhigen Raajjeygai Faiykeyo Ufehdhun Ithuru Kurumuge Haassa Program Eh Fashaifi

ރާއްޖޭގައި ފަތްކެޔޮ އުފެއްދުން 2028 ވަނަ އަހަރުގެ ނިޔަލަށް 50 އިންސައްތައިން އިތުރުކުރުމުގެ ޙާއްސަ ޕްރޮގްރާމެއް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީއިން ފަށައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
“މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފަ” ސަރުކާރުން ބުނެފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމީޓީއާ ގުޅިގެންނެވެ. މިޕްރޮގުރާމުގައި ބައިވެރި ވުމަށް ކޮންމެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. ޕްރޮޕޯސަލްގައި 500 ގަސް އިންދުމަށް އެންމެ އެކަށީގެންވާ ސަރަހައްދު ފާހަގަކޮށް ޗާޓު ހުށައަޅަންޖެހެއެވެ. އަދި ދަނޑު ބެލެހެއްޓުމުގެ ޕްލޭންވެސް ހުށައަޅަން ޖެހއެވެ.
މިޕްރޮގްރާމުގެ ދަށުން ދަނޑު ހެއްދުމަށް ބޭނުންވާ މުޑުވަ, ގަސްކާނާ, ޓްރެއިނިންގް އަދި މައުލޫމާތު މިނިސްޓްރީ އިން ފޯރުކޮއްދޭނެއެވެ.
މި މަޝްރޫގައި ބައިވެރިވުމަށް ޝައުގުވެރިވާ ޑަބްލިއު.ޑީ.ސީ ތަކުން 25 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށައަޅަން ޖެހެއެވެ.