ކެރަންޑޫ: ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔާސިން އަށް
Kerandoo: Junior category ge championkan Yasin ah

ހައްދުންމަތީ މާބައިދޫގައި މިހާރު ކުރިޔަށްދާ ދިވެހި ސާފް ލީގުގެ “ކެރަންޑޫ” އިވެންޓުގެ ޖޫނިއާ ޗެމްޕިއަންކަން ޔާސިން އަހުމަދު ނާޝިދު ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ، ސެމީ އަދި ފައިނަލްގެ ހީޓުތައް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު އެވެ. ޔާސިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކުރުމަށްފަހުއެވެ.
ފައިނަލުގެ ޖާގަ ހޯދުމަށް ޔާސިން ވަނީ މުބާރާތުގައި ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދާފައެވެ. އެގޮތުން، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސެމީ ފައިނަލުގައި އަހުމަދު ލުޒެއިން ބަލިކުރުމަށްފަހުއެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގެ އެއްވަނަ ޔާސިން ހޯދިއިރު، އެ ހީޓުގެ ދެވަނަ ހޯދީ އިނާން އެވެ. އިނާން ފައިނަލަށް ދަތުރުކުރީ ސެމީ ގައި ކަޔާން އަބްދުﷲ އަރީފް ބަލިކުރުމަށްފަހުއެވެ.
މިއަދު ކުރިޔަށްދިޔަ ފައިނަލުގައި ޔާސިން ވަނީ ޖުމްލަ 16 ޕޮއިންޓު ހޯދާފައެވެ. އިނާން އަށް ލިބުނީ 12.93 ޕޮއިންޓެވެ. ފައިނަލުގައި ޔާސިން ވަނީ އެއް ރާޅުން 10 ޕޮއިންޓު ހޯދާފައެވެ. މިއީ ރާއްޖެގެ ތާރީހުގައިވެސް އެއް ރާޅުން10 ޕޮއިންޓު ލިބުނު ފުރަތަމަ ފަހަރެވެ.
މާބައިދޫގައި މުޅިން އަލަށް ބޭއްވި “ކެރަންޑޫ” އިވެންޓުގެ ޖޫނިއާ ކެޓަގަރީގައި ޖުމްލަ 18 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.