ކެރަންޑޫ: ލީގުގެ ދެވަނަ އިވެންޓުގެ ޗެމްޕިއަންކަންވެސް އައްމަޑޭ އަށް

Kerandoo: League ge dhevana event ge championkan ves Ammadey ah

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ދިވެހި ސާފް ލީގުގެ ދެވަނަ އިވެންޓު ކަމަށްވާ “ކެރަންޑޫ” ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އައްމަޑޭ) ހޯދައިފިއެވެ.

އައްމަޑޭ ވަނީ މިއަހަރުގެ ފުރަތަމަ އިވެންޓު ކަމަށްވާ “މުލީކޮޅު ރާޅުގަނޑު” ގެވެސް ޗެމްޕިއަންކަން ހޯދާފައެވެ. މިއާއެކު، އައްމަޑޭ ވަނީ ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގާފައެވެ.

އެމްއެސްއޭ އިން މުޅިން އަލަށް ބޭއްވި “ކެރަންޑޫ” ގެ މެންސް އޯޕަން ހަތަރުވަނަ ބުރުގެ އިތުރުން ކުއާޓާ، ސެމީ އަދި ފައިނަލްގެ ހީޓުތައް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު އެވެ. އައްމަޑޭ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔާސިން އަހުމަދު ނާޝިދު ބަލިކުރުމަށްފަހުއެވެ.

މުބާރާތުގެ މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދުމަށް އައްމަޑޭ ވަނީ ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދާފައެވެ. އެގޮތުން، ސެމީ ފައިނަލުގައި އޭނާ ވަނީ އަހުމަދު ހިޝާމް ޝަހީމްގެ މައްޗަށް ކުރިހޯދާފައެވެ.

މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ޔާސިން ވަނީ މެންސް އޯޕަން ކެޓެގަރީގައިވެސް ތަފާތު ދައްކާފައެވެ. އެގޮތުން، ޔާސިން ވަނީ ފައިނަލް ފިޔަވައި، އޭނާ ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދާފައެވެ. ސެމީގައި އޭނާ ވަނީ މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކޮށްފައެވެ.

މިއަދު ކުރިޔަށްދިޔަ ފައިނަލުގައި ގިނަ ވަގުތު ލީޑުގައި އޮތީ ޔާސިން އެވެ. ނަމަވެސް، އައްމަޑޭ ވަނީ އޭނާގެ ފަހު ދެ ރާޅުން ރަނގަޅު ސްކޯއެއް ހޯދައި، ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލުގައި އައްމަޑޭ 15.34 ޕޮއިންޓު ހޯދިއިރު، ޔާސިން އަށް ލިބުނީ 14.34 ޕޮއިންޓެވެ.

“ކެރަންޑޫ” އިވެންޓުގެ މެންސް އޯޕަން ކެޓެގަރީގައި ޖުމްލަ 25 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments