17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގައި ލ.އަތޮޅު ތިން ކުޅުންތެރިން
17 Aharun dhashuge gaumee football team gai L.Atoll 3 kulhuntherin

އަންނަ ހޯމަ ދުވަހު ލަންކާގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމުގައި ލ.އަތޮޅު ތިން ކުޅުންތެރިން ހިމެނިއްޖެއެވެ.
17 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނުނު ލ.އަތޮޅުގެ ތިން ކުޅުންތެރިންނަކީ ލ.ގަމު، ތާއިއު އަބްދުލް ހަކީމް އާއި ލ.ގަމު، އަނާން އިބްރަހިމްގެ އިތުރުން ލ.މާމެންދޫ މުހައްމަދު މާއިލް މޫސާ އެވެ.
ތާއިއު އާއި އަނާން އަކީ ލ.އަތޮޅުގައި ހިންގާ ލާމު އެޕެކްސް އެކަޑަމީ (ލަސާ) އިން ތަމްރީނު ހާސިލް ކުރި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނުމަކީ ލަސާ އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ލަސާ އިން ކުރަމުންދާ މުހިންމު މަސައްކަތުގެ ފޮނި ނަތީޖާ އެވެ.
މި ތިން ކުޅުންތެރިންވެސް ވަނީ މިއަހަރު ލ.އަތޮޅުގައި ކުރިޔަށްދިޔަ ޝީޝާ ލާމަސީލު ލާމު އިންޓަރ ސްކޫލް ފުޓްބޯލް ޓޯނަމެންޓުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މާއިލް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ތާއިއު އާއި އަނާން ހިމެނިފައިވާއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކީވެސް އަނާން އެވެ.
17 އަހަރުން ދަށުގެ ގައުމީ ޓީމް މިއަދު ލަންކާ އަށް ދަތުރުކޮށްފައިވާއިރު، ރާއްޖެ ހިމެނެނެނީ އިންޑިއާ އާއި ޕާކިސްތާން އަދި ބޫޓާން އާ އެއް ގުރޫޕެއްގައެވެ. ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ބައްދަލުކުރާނީ ޕާކިސްތާން އާ އެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާން އާ ދެކޮޅަށެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގައި ލ.އަތޮޅުގެ ކުޅުންތެރިން ހިމެނުމަކީ މުޅި އަތޮޅަށްވެސް ލިބޭ ބޮޑު ޝަރަފެކެވެ.