މިރުހާއި ފަޅޯ ހިމެނޭހެން ސަރުކާރުން ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އިމްޕޯޓްކުރަން ނިންމުމުން ގަމުގެ ދަނޑުވެރިން ކަންބޮޑުވުން ފާޅުކޮށްފި!
Miruhaai Falhoah himeneyhen Sarukaarun gina baavaiythakeh ge kaaboathakethi import kuran ulheytheeve, gamuge dhanduverin kanboduvun faalhukohfi!!

ސަރުކާރުން 23 ބާވަތެއްގެ ކާބޯތަކެތި އިމްޕޯޓްކުރަަން ނިންމުމުން ލާމު ގަމުގެ ދަނޑުވެރިން ކަންބޮނޑުވުން ފާޅުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑުން އިއްޔެ އާއްމުކުރި ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓަށް23 ބާވަތެއް އިތުރުކޮށް، އެ ތަކެތި އެސްޓީއޯ އިން އިމްޕޯޓްކޮށް ހޯލްސޭލްކުރުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގެ ދަނޑުވެރިން އާއްމުކޮށް ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ދޮންކެޔޮ، ފެޝަން ފްރުޓް، ކަރާ އަދި ކާށިވެސް މި ލިސްޓުގައި ހިމެނެއެވެ.
މިކަމާއި ގުޅިގެން ކަނބޮޑުވުން ފާޅުކުރަމުން ލ.ގަމުގެ ދަނޑުވެރިއަކު ބުނީ ގަމަކީ އެވްރެޖްކޮށް ރާއްޖޭގައި އެންމެ ގިނައިން ފަޅޯ ހައްދައިގެން، ރާއްޖޭގެ މާރުކޭޓަށް ނެރޭ އެއް ރަށް ކަމަށެވެ. އަދި ދަނޑެއްގައި 700 ނުވަތަ 800 ގަސް ހައްދާފައި ހުންނައިރު، ފަޅޯ ކިލޯތައް ކަނޑައިގެން ރާއްޖޭގެ މާރުކެޓަށް ނެރޭއިރު، ސަރުކާރުން އިމްޕޯޓްކުރަން ފަށައިފިނަމަ ދަނޑުވެރިންނަށް އެ ލިބެނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް އޭނާ ބުނީ ޕެޝަން ފުރުޓާއި މިރުސް ވެސް އެންމެ ގިނައިން ހައްދާ އެއް ރަށަކީ ލާމު ގަން ކަމަށާއި، ގަމުގެ ގިނަ ދަނޑުވެރިން، މިރުސްގެ 1000 އަށް ވުރެ ގިނަ ގަސް މިހާރުވެސް ހައްދާފައިވާނެ ކަމަށެވެ. އޭގެތެރޭގައި ޒުވާން ދަނޑުވެރިންވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
” މިވަގުތު ހައްދަމުންދާއިރުވެސް، މިއުޅެނީ ދޭތެރެއަކުން އަގުވެއްޓިގެން ލާރިކޮޅު ނުލިބީގެން. އަދި އޭގެ ތެރެއަށް ސަރުކާރުގެ އިމްޕޯޓެއް ގެންނަން އެއުޅެނީ. ކޮންމެ ގޮތެއް ވިޔަސް ސަރުކާރަކުން ނުޖެހޭނެ ޑިއުޓީއެއްވެސް ދައްކާކަށް. ދަނޑުވެރިކަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް މި ލިބެނީ.”
މިހާރަކަށް އައިސް ޒުވާން އުމުރުފުރައިގެ ކުދިން ދަނޑުވެރިކަމުގެ ތެރެއަށް ވަންނަކަން ފާހަގަކޮށް އެ ދަނޑުވެރިޔާ ބުނީ، އެންމެ ބޮޑު ކަނބޮޑުވުމަކަށް އައި ކަމަކީ ދަނޑުވެރިކަމުގެ ތެރެއަށް ނުރައްކާތެރި ކެމިކަލްތައް ވައްދައިގެން އުޅުން ކަމަށެވެ. ނަމަވެސް ޒުވާނުން ނިކުމެ، އޭރު ބޭނުންކުރި ކެމިކަލްތައް ބޭނުން ނުކޮށް، އެކަން ހުއްޓުވިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
“ސިސްޓެމިކަލީ ދަނޑުވެރިންނަށް ކުރެވޭ ކަން ކަމެއް ނެތް. މިނިސްޓްރީއެއް ހުންނަކަން ހަމައެކަނި. ދަނޑުވެރިންނާ މިނިސްޓްރީ މެދުވެރިކޮށް މާރކެޓް ކުރެވޭނެ އެއްވެސް ގޮތެއްނެތް. އަދި ސަރުކާރުގެ ފަރާތުން މި އެއްޗެހި އިމްޕޯޓްކުރަން ފެށީމާ ދަނޑުވެރިންނަށް ވާނޭ ގޮތެއް މިހާރު ނޭނގެ.”
އޭނާ ބުނީ ދަނޑުވެރިން ބޭނުންވާ އަގެއްގައި ދުވަހަކުވެސް ކާބޯތަކެތި ނުވިއްކޭ ކަމަށެވެ. އަބަދުވެސް އެއްޗެހި ވިއްކަން ޖެހެނީ ވިޔަފާރިވެރިން އެ ގަންނަ ރޭޓަކުންކަމަށް ބުނެ އޭނާ ވަނީ ދަނޑުވެރިންގެ ޝަކުވާ ހިއްސާކޮށްފައެވެ.
އޭނާ ބުނީ ސަރުކާރުން އެތެރެކުރަން އެއުޅޭ 23 ބާވަތުގެ ކާބޯތަކެތީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކާބޯތަކެތި އެއް ރަށަކުން ނެރޭނެ ރަށަކީ ލާމު ގަން ކަމަށެވެ. ގަމުގައި ވަޒީފާއަކަށް ނުގޮސް، ހަމައެކަނި ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދައި ކިތަންމެ ބަޔަކު އުޅޭކަން ފާހަގަކޮށް އޭނާ ބުނީ މިއީ ދަނޑުވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.