ގަމު ކައުންސިލްގެ ރައީސް ރަށުގެ ތަރައްގީ ޕްލޭންއާ ގުޅޭގޮތުން ސިޓީސް މިނިސްޓަރާއެކު މަޝްވަރާކުރައްވައިފި
Gamu council ge raees rashuge tharahgee plan aa gulheygothun Cities minister aa eku mashvaraa kurahvaifi

ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު، އާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ގަމުގެ ތަރައްޤީއަށް ރޭވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ރަށުގައި މީހުން އަލަށް އާބާދުވާ ސަރަޙައްދަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުންނާއި، ރަށުގެ ޕަބްލިކް ވަރކްސް ޔުނިޓުގެ ޚިދުމަތްތަކާ ބެހޭ ގޮތުންނާއި އަދި ގަމުގައި ޢިމާރާތްކޮށް ނިމިފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރުމާ ބެހޭ ގޮތުން މަޝްރާކުރެވިފައި ވެއެވެ.
މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު،7 “ލާމު އެމްވީ” އާ ހިއްސާކުރައްވަމުން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ މި ދަތުރުގައި ރޯޑް ކޯޕަރޭޝަންއާ، ބައްދަލުކޮށް މިހާރު މަގު ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ގޮތާއި، ދިމާވާ މައްސަލަތައް ހައްލުކުރާނޭ ގޮތާއި މެދު ވާހަކަ ދެކެވުނު ކަމަށެވެ. އެއަށްފަހު ސިޓީތަކާއި ބެހޭ މިނިސްޓްރީއާ ބައްދަލުކޮށް، މިހާރު ހިނގަމުންދާ މަސައްކަތްތައް، ވަކިން ހާއްސަކޮށް މަގު ހެދުމުގެ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
ޒަކީ ވިދާޅުވީ އޭގެ އިތުރަށް، ހާއްސަކޮށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މުވައްޒަފަށް ނެގުން ލަސްވުމާއި، ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް މަޑުޖެހިފައި އޮންނަ އޮތުން މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވާނެ ކަމަށެވެ. ޒަކީ ވިދާޅުވީ އެސްއޯއީ އަށް އޮންނާނީ މިހާރު ސިޓީ ފޮނުވާފައި ކަމަށާއި އުއްމީދުކުރަނީ ވީހާވެސް އަވަހަށް ޖަވާބު ލިބޭނެ ކަމަށެވެ.
ހައްދުންމަތީ ގަމަކީ ރާއްޖޭގެ ނިސްބަތަށް ބަލާއިރުވެސް، ދަނޑިވެރިކަމުގައި ފާހަގަކޮށްލެވޭ ވަރުގެ ރަށެއްކަން ފާހަގަކޮށް ޒަކީ ވިދާޅުވީ ސަރުކާރުން މިހާރު ބޭރު ގައުމުތަކުން ގެންނަން އުޅޭ ކާބޯތަކެތީގެ ސަބަބުން ހައްދުންމަތީ އަތޮޅުގެ ދަނޑުވެރިކަމަށް ކުރާނެ އަސަރާއި ގުޅޭގޮތުންވެސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޝްވަރާ ބައްދަލަވުމެއް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރާއެކު ބޭއްވުމަށް ނިންމަފައިވާ ކަމަށް ވެސް ޒަކީ ވަނީ ވިދާޅުވެފައެވެ. ޒަކީ ވިދާޅުވީ ގަމު ކައުންސިލުން ދަނދުވެރިންގެ މި ކަންބޮޑުވުން ހައްލުކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ގަމު ކައުންސިލް ރައީސްގެ މި ދަތުރުފުޅަކީ ސަރުކާރުގެ މުއައްސަސާތަކާއި ، އެސް.އޯ.އީ ތަކާ ބައްދަލުކުރެއްވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުގައި ޒަކީ ވަނީ ވެމްކޯ ގެ އެމްޑީ އާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.