މާބައިދޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް، ކެރަންޑޫ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި
Maabaidhoo rayyithunge huvafen hageegathakah, kerandoo mubaaraaiy kaamiyaabu kamaa eku ninmaalaifi

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ދިވެހި ސާފް ލީގުގެ “ކެރަންޑޫ” ”މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި މުބާރަތާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތް “ލާމު އެމްވީ” އާ ހިއްސާކުރައްވަމުން މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ވިދާޅުވީ، މުބާރާތަކީ ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްގެން ބޭއްވުނު މުބާރާތެއް ކަމަށާއި މި މުބާރާތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
“އެންމެ އުފާވި ކަމަކީ ޒިޔާރަތްކުރި ބައިވެރީންގެ ފަރާތުން ރަށާއި ރަށުގެ ރައްޔިތުންނާ ދޭތެރޭ ޕޮޒިޓިވް ފީޑްބެކް އެއް އައުން. ރަށުގައި ރާޅާ އަޅާ ކުދިންނަށް އެކުދިންގެ ރާޅުގަނޑުގައި ރާޅާއަޅާލާ މުޅި މި ދިވެހިރާއްޖެއަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދެވުން. އަޅުގަނޑުމެންގެ މިއޮތް ތަފާތު ވެއްޓާއި މެހެމާންދާރީ އެތައްބަޔަކަށް ދައްކައިދީ ތަޢާރަފްކޮށްދެވުން. އަދި މި ހުރިހާ ކަމެއް ބަންޑަލްވެގެން އައިސް ރަށުގެ ރައްޔިތުންނަށް އުފާވެރި ދުވަސްތަކަކާއެކު ރަނގަޅު އާމްދަނީއެއް ލިބުން.” ވާހަކަ ފައްޓަވަމުން ވިސާމް ވިދާޅުވިއެވެ.
މީގެއިތުރުން، ވިސާމް ވިދާޅުވީ، އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް މި މުބާރާތާއި ގުޅިގެން ރަށުގެ ރައްޔިތުންނަށް ލިބުނުކަމަށެވެ. މިގޮތުން ހަމައެކަނި ކޮޓަރި ކުއްޔަށް ވެސް ބޮޑު ޚަރަދެއް އެތްލީޓުންނާއި އޮފިޝަލުން ކުރިކަމަށެވެ. މީގެ އިތުރުން ރަށުގައި ދުއްވާ ކުދި ޑިންގީ ފަހަރާއި ލޯންޗްތަކަށް ލިބުނު އާމްދަނީއާ ރަށުގެ ސައިހޮޓާ ވިޔަފާރީގެ އިތުރުން އާންމު ވިޔަފާރިތަކަށް ބޮޑު އާމްދަނީއެއް މުބާރާތް ކުރިއަށްދިޔަ ދުވަސްތަކުގައި ލިބުނުކަން ވިސާމް ފާހަގަ ކުރެއްވިއެވެ.
ލޯކަލް ޓޫރިޒަމްއަށް އަމާޒު ހިފާފައިވާއިރު މި މުބާރާތާއެކު ފުދޭވަރެއްގެ އެކްސްޕޯޝަރ އެއް ރަށަށާ ރަށުގެ ރާޅާ އަޅާ ސަރަހައްދަށް ލިބިގެން ގޮސްފިކަމަށް ވިސާމް ވިދާޅުވިއެވެ. ހަމަމިއާއެކު، ވިސާމް އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި މާބައިދޫއަށް ލިބުނު މަޝްހޫރުކަމެއް ނޫން ކަމަށާއި މި މުބާރާތުގެ ސަބަބުން މުޅި ލާމު އަތޮޅު އިތުރަށް މަޝްހޫރުވެގެން ދާނެ ކަމަށެވެ. އަދި އުންމީދުކުރަނީ ލ.އަތޮޅުގެ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން މިކަމުގެ ފައިދާ ނަގައި ލ.އަތޮޅާއި އަތޮޅުގެ ރަށްތަކަށް އިތުރަށް ފައިދާވާނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދިނުންކަމުގައި ދެންނެވިއެވެ.
“މުބާރާތުގައި ވާދަކުރާ ބައިވެރިންގެ އަދަދު ގިނަ ކުރުމަށާއި ވާދަވެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ކައުންސިލުން ގިނަ އިންތިޒާމުތަކެއް ބައިވެރީންނަށް ހަމަޖައްސައިދީފައިވާނެ، މިގޮތުން މުބާރާތް ކުރިއަށްދާ 04 ދުވަހުގެ ދުވާލު ކެއުން ކައުންސިލުންވާނީ ހަމަޖައްސަވައި ދެއްވާފައި، މީގެ ސަބަބުން މުބާރާތުގައި ބައިވެރިވި އެތްލީޓުންގެ އަދަދު އަދި އެތްލީޓުންގެ އަރިހުގައި ޒިޔާރަތްކުރި މީހުންގެ އަދަދު އެހެން މުބާރާތްތަކާ އަޅާބަލާއިރު އިތުރު ކަމަށް އެމް.އެސް.އޭ އިންވެސް ފާހަގަކުރި، މީވެސް އަޅުގަނޑު މެންނަށް ލިބުނު ބޮޑު ކާމިޔާބެއް.”

ކައުންސިލުން އުންމީދުކުރިވަރަށް މުބާރާތުގެ ކަންކަން އިންތިޒާމުވެ ކުރިއަށް ގެންދެވުނު ތޯ އެހުމުން ވިސާމް ވިދާޅުވީ “އެންމެ ބޮޑަށް ބެލީ ކައުންސިލްގެ އެކްސްޕެކްޓޭޝަން އަށް ވުރެ ބޮޑަށް މުބާރާތުގައި ބައިވެރިވި ފަރާތްތައް ހިތްހަމަޖެހޭ ވަރު ކުރުމަށް. އެތްލީޓުން ހިތްހަމަޖެހޭ ވަރު ކުރުމަށް. މުބާރާތުގެ އޮފިޝަލުންނާއި ޖަޖުން ހިތްހަމަޖެހޭވަރު ކުރުމަށް. ހަމަގައިމުވެސް މުބާރަތަށް ނެގެޓިވް ކޮމެންޓް އެއް ނާދޭ. މުބާރާތާއި ގުޅިގެން ރަށަށް ޒިޔާރަތްކުރި ކޮންމެ ފަރުދެއް ފާހަގަކުރި މި މުބާރާތަކީ ފުރިހަމަ މުބާރާތެއް ގޮތުގައި.”
ވިސާމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައިވެސް، ސިލްސިލާކޮށް މި މުބާރާތް ބާއްވާނެ ކަމަށެވެ. އަހަރަކަށް ވުރެ އަހަރަކު އެތްލީޓުންގެ އަދަދު އިތުރުވާނެ ކަމަށާއި އަހަރަކަށް ވުރެ އަހަރަކު މުބާރާތް ފުރިހަމަވެ، ލިބޭ މަންފާ ވެސް އިތުރުވާނެކަމަށް އުއްމީދުކުރާކަމަށް ވިސާމް ވަނީ ވިދާޅުވެފައެވެ.

“މި ފުރުސަތުގައި އަދިވެސް އަޅުގަނޑުމެންގެ މި ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވުމަށް އެހީތެރިވެދިން ކޮންމެ ފަރުދަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަން. ޚާއްސަކޮށް އަދިވެސް ފާހަގަކޮށްލާނީ އަޅުގަނޑުގެ ކައުންސިލްގެ ލޮބުވެތި މުވައްޒަފުން ރެއާއި ދުވާލު ކުރިމަސައްކަތް، ރަށުގެ އަންހެން ކަނބަލުން މިކަމަށް ދިން ހިތްވަރާއި ހޭދަކުރިވަގުތު. އިޚްލާސްތެރި ޝުކުރު ރައްދުކުރަން.”
ދިވެހި ސާފް ލީގުގެ ދެވަނަ އިވެންޓު ކަމަށްވާ “ކެރަންޑޫ” ގެ މެންސް އޯޕަން ޗެމްޕިއަންކަން ހޯދީ އަހުމަދު އާގިލް (އައްމަޑޭ) އެވެ. މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ ޔާސިން އެވެ. އަދި ބޮޑީބޯޑިން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ ލ. ގަމަށް ނިސްބަތްތ އަލީ ޖާވިދު (ޖާއްޓެ) އެވެ.