ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް: ސެމީގެ ފުރަތަމަ ދެ ޖާގަ ލެކްރޯސް އެސްސީ އާއި ހޭޅި އަށް
Fonadhoo Council Futsal Tournament: Semi ge furathama 2 jaaga Lecrose SC aai Heylhi ah

މިހާރު ކުރިޔަށްދާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ލެކްރޯސް ސްޕޯޓްސް ކްލަބާއި ހޭޅި އިން ހޯދައިފިއެވެ.
ލެކްރޯސް އެސްސީ އިން ސެމީގެ ޖާގަ ހޯދީ ރޭ ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި 5-0 ގެ ނަތީޖާއަކުން ސޭންޑްސް އޮފް ލާމު ބަލިކުރުމަށްފަހުއެވެ. އަދި ހޭޅި އިން ސެމީގެ ޖާގަ ހޯދީ ރޭ 3-0 ގެ ނަތީޖާއަކުން ލެކްރޯސް އެފްސީ ބަލިކުރުމަށްފަހުއެވެ.
ލެކްރޯސް އެސްސީ އާއި ސޭންޑްސް އޮފް ލާމު ބައްދަލުކުރި މެޗު ފެށިގެން، ފުރަތަމަ ދެ މިނެޓު ތެރޭގައި ރިލްވާން ރަޝީދު ވަނީ ދެ ލަނޑު ޖަހައި ލެކްރޯސް އެސްސީއަށް ރަނގަޅު ލީޑެއް ނަގައިދީފައެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި އޭނާ ވަނީ ހެޓްރިކް ހަދައި، ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ. ލެކްރޯސް އެސްސީ އިން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 30 ވަނަ މިނެޓުގައި އަހުމަދު އަސީލް ވަނީ ލެކްރޯސް އެސްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަހުމަދު އަލްތާފް އަޒީމް ޖެހި ލަނޑާއެކު ލެކްރޯސް އެސްސީ އިން ސެމީގެ ޖާގަ ހޯދީ ފަސް ލަނޑުގެ ބޮޑު މޮޅަކާއެކުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ލެކްރޯސް އެސްސީގެ ރިލްވާން އވެެ.
ހޭޅި އާއި ލެކްރޯސް އެފްސީ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިފައިވާއިރު، މެޗުގެ ނުވަވަނަ މިނެޓުގައި މުހައްމަދު ނައުފަލް ނަސީރު ވަނީ ލަނޑެއް ޖަހައި ހޭޅި އަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ27 ވަނަ މިނެޓުގައި މުހައްމަދު ޝިރަން ވަނީ ލަނޑެއް ޖަހައި ހޭޅި އަށް ލީޑު ފުޅާކޮށްދީފައެވެ. ލެކްރޯސް އެފްސީ އިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރަން މަސައްކަތް ކުރި ނަމަވެސް، މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލޫތު ބިން ވަސީމް ޔޫސުފް ވަނީ ހޭޅިގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް، އެ ޓީމު ސެމީ އަށް ގެންގޮސްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލޫތު އެވެ.
ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބައްރު ކްލަބާއި އަފޭންނެވެ. އަދި ފަހު މެޗުގައި ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް) ނިކުންނާނީ ވައްޓަފާޅި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.