ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް: އަފޭންނާއި ލީޑް ސެމީ އަށް
Fonadhoo Council Futsal Tournament: Afeyn aai LYD semi ah

ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2025 ގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ އަފޭންނާއި ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް) އިން ހޯދައިފިއެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، ސެމީގެ ފުރަތަމަ ދެ ޖާގަ ހޯދީ ލެކްރޯސް ސްޕޯޓްސް ކްލަބާއި ހޭޅި އިންނެވެ. ރޭގެ މެޗުތައް ކާމިޔާބުކޮށް، އަފޭންނާއި ލީޑުން ވަނީ ފަހު ދެ ޖާގަ ހޯދާފައެވެ.
އަފޭން ސެމީ އަށް ދަތުރުކުރީ ރޭ 19-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބައްރު ކްލަބް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، އަފޭންގެ އަލީ ފަރުހާން ވަނީ ނުވަ ލަނޑު ޖަހާފައެވެ. މީގެއިތުރުން، އަހުމަދު ޝާމިޒް އާއި ހައްޔާން ޝަރީފް ހެޓްރިކް ހެދިއިރު، އިސްމާއިލް މީސަމް މަސީހު އާއި އިސްމާއިލް އަފާޒް ވަނީ ދެ ލަނޑު ޖަހާފައެވެ.
ރޭގެ ދެވަނަ މެޗުގައި ލީޑުން ވަނީ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ވައްޓަވާޅި ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މި މެޗުގައި ލީޑުގެ ހުސައިން ރަޝީދު ދެ ލަނޑު ޖެހިއިރު، އާހިލް އަލީ ވަނީ ލަނޑެއް ޖަހާފައެވެ. ވައްޓަފާޅިގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު އަލްސަން ޝަކީބް އެވެ. މީގެއިތުރުން، ލީޑްގެ އަހުމަދު އިފްހާމް މުހައްމަދާއި ވައްޓަފާޅިގެ މޫސާ ނަޒީރު އަތުން ވަނީ ބައިކޮޅަށް ލަނޑު ވަދެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލީޑުގެ އާހިލް އެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ލެކްރޯސް އެސްސީ ނިކުންނާނީ އަފޭންނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީޑާއި ހޭޅި އެވެ.