ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް: ފައިނަލުގައި އަފޭންނާއި ހޭޅިގެ ކުރިމަތިލުމެއް
Fonadhoo Council Futsal Tournament: Final gai Afeynnaai Heylhi ge kurimathilumeh

ހައްދުންމަތީ ފޮނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފޮނަދޫ ކައުންސިލް ހަތްވަނަ ފުޓްސަލް ޓޯނަމެންޓުގެ ފައިނަލަށް އަފޭންނާއި ހޭޅި ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅެފައިވާއިރު، އަފޭން ފައިނަލަށް ދަތުރުކުރީ ލެކްރޯސް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ. އަދި ހޭޅިން ވަނީ ސެމީ ގައި ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް) ބަލިކޮށްފައެވެ.
އަފޭންނުން ލެކްރޯސްގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ހައްޔާން ޝަރީފް ވަނީ ލަނޑެއް ޖަހައި އަފޭންނަށް ކުރިހޯދަދީފައެވެ. އަދި 12 ވަނަ މިނެޓުގައި އިސްމާއިލް އަފާޒް ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ލެކްރޯސް އިން ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތައް އަފޭންގެ ކީޕަރު އަބްދުﷲ ނާފިޒް ވަނީ ދިފާއުކޮށްފައެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ނާފިޒް އެވެ.
ރޭގެ ދެވަނަ މެޗުގައި ހޭޅިން ވަނީ 1-0 ގެ ނަތީޖާއަކުން ލީޑް ބަލިކޮށްފައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، މެޗުގެ ހަމައެކަނި ލަނޑު ހޭޅި އަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނައުފަލް ނަސީރެވެ. އޭނާ ލަނޑު ޖަހާފައިވަނީ މެޗު ފެށިގެން ތިންވަނަ މިނެޓު ތެރޭގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ނައުފަލް އެވެ.
ހޭޅި އާއި އަފޭން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ.