ކައްދޫގައި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
Kahdhoo gai cycle in jehi meehaku maruvi massalaigai dhauvaa kurumah fonuvaifi

ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ15 ވަނަ ދުވަހުގައެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ، މީނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާ މީހެއް ކަމަށާއި މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއްވެސް ނޫން ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.